ފަސް އަހަރުގެ ދައުރުގައި ވައުދުތައް ފުއްދުމުގެ ގާބިލްކަން ސަރުކާރުގައި ހުރިތޯ މިނެކިރާލަން ލިބޭ ދުވަސް ކޮޅަކީ ފުރަތަމަ 100 ދުވަހެވެ. އެ ދުވަސްކޮޅުގައި އަވަސް ހައްލު ހޯދަން ޖެހޭ މައްސަލަތަކަށް ފަރުވާ ހޯދުމާއި ބޮޑެތި މައްސަލަތަކަށް ފިޔަވަޅުތަކެއް އަޅަން ފެށުނުތޯ އެވެ؟ ޒަރޫރީ ހާލަތްތަކަށް ބޭނުންވެފައިވާ ރައްޔިތުންނަށް ފަހި މަގެއް ދައްކައިދޭން ސަރުކާރުން މަސައްކަތް ކުރިތޯ އެވެ؟ އިންތިހާބުގައި "ބޮޑު ފަޅި" ނެގި ކޯލިޝަނަށް ވައުދު ފުއްދުމުގެ އަމާޒަށް ވާޒިލް ވުމަށް މަސައްކަތް ފެށުނުތޯ އެވެ؟

ނޮވެމްބަރު 17، 2013ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރަށް މިއަދު 100 ދުވަސް ވެއްޖެ އެވެ. ސަތޭކަ ދުވަހަށް ސަރުކާރަށް ދޭނެ ރިޕޯޓް ތައްޔާރު ކުރާނީ ރައްޔިތުންނެވެ. އަދި މީޑިއާތަކުންވެ. ވަކިިން ހާއްސަކޮށް ސަރުކާރާ އިދިކޮޅު ފަރާތްތަކުންނެވެ.

ސަރުކާރަށް ރިޕޯޓެއް ދިނުމުގައި މުހިއްމު ކަންތައްތައް މި ރިޕޯޓުގައި ހިމަނާލާނަމެވެ. ހިދުމަތް ދިނުމުގައްޔާއި ހަރަދު ކުރުމުގައްޔާއި ސިޔާސީ ރޭވުންތެކަމުގައި ސަރުކާރު ކިހާ ކުޅަދާނަތޯ އޭރުން އެނގިދާނެ އެވެ.

ސަރުކާރު އުފެދުނު މައިގަނޑު ސަބަބަކީ ގުޅިފައިވާ ކޯލިޝަނެވެ. އެއްބަސްވުންތަކެއްގެ ދަށުން ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިފައިވަނީ އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އެވެ. ސަތޭކަ ދުވަސް ތެރޭގައި ކޯޅުންތަކާއި ހަމަނުޖެހުންތައް "ފަޅައިގެން" ނުދެ އެވެ. ޕާޓީތައް ރުއްސައި ދިނުމުގައި 100 ދުވަސް ހަމަކޮށްފި އެވެ. ޕާޓީތައް "މައިތިރި"ކޮށްދިނީ މަގާމުތަކާއި އުޖޫރަތައް ދީގެންނެވެ. އިންތިހާބުތަކުގައި ވާދަކުރަން ގޮނޑިތައް ވެސް ދީގެންނެވެ. އަދާލަތަކީ ޝަރުތަކައި ނުލައި ގުޅުނު ސަރުކާރާ ގުޅުނު ޕާޓީ އެކެވެ. އެ ޕާޓީ ރުއްސައިދިނުމުގައި ޖޭޕީ އާއި ޕީޕީއެމް ވެސް ވަނީ ނުކުޅެދިފަ އެވެ.

އަދާލަތުގެ ނުރުހުމާ އެކު ވެސް ކޯލިޝަނަކަށް ލޮޅުމެއް ނާދެ އެވެ. އެއީ ސަރުކާރުގެ 100 ދުވަހަށް ލިބުނު ޕްލަސް ޕޮއިންޓެކެވެ.

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހު 36 ސްޓޭޓް މިނިސްޓަރަކާއި 59 ޑެޕިއުޓީ މިނިސްޓަރުނާއި 15 ވަޒީރުން އެބަ ތިއްބެވެ. މިނިސްޓަރު ފެންވަރުގައި ފަސް ބޭފުޅަކު ހަތަރު ވުޒާރާއަކަށް ލައްވާފައި އެބަތިއްބެވެ. ހަރަދު ކުޑަކުރަން ކުރެވުނީ ކޮންކަމެއްތޯ އެވެ.

ސްޓޭޓް މިނިސްޓަރުނާއި ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައިން މިދިޔަ ޑިސެންބަރު މަހުން ފެށިގެން މިހާތަކަށް 1.4 މިލިއަން ރުފިޔާ އުނިކޮށްފި އެވެ. އެއީ ރައީސްގެ ނިންމެވުމަކަށް އެޅުއްވި ފިޔަވަޅެކެވެ. ކުރިން 46،000ރ. ލިބޭ ސްޓޭޓް މިނިސްޓަރުންނަށް މިހާރު ލިބިވަޑައިގަންނަވާނީ 41،000ރ. އެވެ. ޑެޕިއުޓީ މިނިސްޓަރުންނަށް ކުރިން ލިބިވަޑައިގެންނެވި 35000ރ. ގެ ބަދަލުގައި މިހާރު ލިބިވަޑައިގަންނަވާނީ 30،000ރ. އެވެ. އެ ފެންވަރުގެ މަގާމުތަކުގެ ބޭފުޅުންގެ މުސާރައިން 5000ރ. އުނި ކުރުމަށް ރައީސް ވަނީ ޑިސެމްބަރު މަހު ނިންމަވާފަ އެވެ.

އެ ނިންމެވުމުގެ ސަބަބުން 5.7 މިލިއަން ރުފިޔާ އަހަރެއްގެ ބަޖެޓުން ސަލާމަތް ކުރެވުނީ އެވެ. އަދި ފަސް އަހަރުގެ ދައުރުގައި ސިޔާސީ މުސާރައިން 28.5 މިލިއަން ރުފިޔާ ދައުލަތުގެ ބެޖެޓަށް ލިބުނީ އެވެ. އެއީ ހަރަދު ކުޑަކުރަން އެޅުއްވި ރަނގަޅު ފިޔަވަޅަކަށް ވެދާނެ އެވެ. އަދި 100 ދުވަހަށް ލިބުނު ޕްލަސް ޕޮއިންޓެކެވެ.

މެނިފެސްޓޯގައި ހުރި ކަންތައް ތަންފީޒު ކުރުމަށް 100 ދުވަހުގެ ރޯޑުމެޕެއް އެކުލަވާލައިގެން އެ މަސައްކަތްތައް ހަވާލުކޮށްފައިވާ ސަރުކާރުގެ އެކި އެކި މުޒާރާތަކާ ހަވާލުކޮށްފައިވާ އިރު އެ މުޒާރާތަކުގެ މަސައްކަތް 100 ދުވަސް ތެރޭގައި ވަރަށް ބާރު ސްޕީޑެއްގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި އެ ރޯޑްމެޕްގެ ކަނޑާއަޅާފައިވާ މުހިންމު ބޮޑެތި މަސައްކަތްތަކެއް ހާސިލު ވެސް ކުރި އެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ "ބެޔަސް ނުބެޔަސް ފައިސާ ދޭނެ" ވައުދާއި އުމުރުން ދުވަސްވީ މީހުންނަށް ދެމުންގެންދިޔަ އެލަވަންސް 2000ރ. އިން 5000ރ. އަށް ބޮޑުކޮށްދޭނެ ކަމަށްވެފައިވާ ވައުދާއި ހުސްނުވާ އާސަންދައިގެ ހިދުމަތް ދިނުމާއި އެކަނިވެރި މައިންނަށް ދެމުން އަންނަ އެލަވަންސް ބޮޑު ކޮށްދިނުމުގެ ވައުދާއި ގޭގައި ތިބެގެން އަންހެން ވެރިންނަށް ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް ހޯދައިދޭނެ ކަމަށް ވެފައިވާ ވައުދާއި ޒުވާނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ފާހަގަކޮށްލެވެ.

ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލްކުރެވިފައިވާ ކަންކަމުގެ ތެރޭގައި ބޮޑެތި ބައެއް ވައުދުތައް ފުއްދުމުގެ ގޮތުން އެ ކަންކަމުގެ ވާސިލްވުމުގެ ދޮރު ހުޅުވާލަދީފައިވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން "ބެޔަސް ނުބެޔަސް ފައިސާ ދޭނެ" ވައުދު އިންޕްލިމެންޓް ކުރުމުގެ ގޮތުން ސަރުކާރުން ރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތްތަކަށާއި މަހަށްދާ ދޯނި ފަހަރުތަކުގެ މައުލޫމާތު އެއްކޮށް އެ ފަރާތްތައް ރަޖިސްޓްރީ ކުރަން ފަށައިފައިވާކަން ފާހަގަކުރެވެ އެވެ. އެ ފަރާތްތަކަށް ފައިސާ ދިނުމުގެ ކުރިން އެފަދަ ފަރާތްތަކަށް އިންޝުއަރެންސް ސްކީމެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން 100 ދުވަސް ތެރޭގައި ފެށި ކަމީ ވެސް ހަމަ ސަތޭކަ ދޭން ޖެހޭ ކަމެކެވެ.

މީގެ އިތުރުން ރާއްޖޭގެ މަސްވެރިންނާއި ދަނޑުވެރިންނަށް މަސައްކަތުގެ ތެރޭގައި ލިބޭ ގެއްލުންތައް ފޫބެއްދުމަށް މާލީ ގޮތުން އެހީއެއް އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ސިއްހީ ދާއިރާ އިން ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހޯދާފައިވާ ކުރިއެެރުމަށް ބަލާލާއިރު އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭނެ ކަމަށް ވައުދުވި އެލަވަންސް 2000ރ. އިން 5000ރ. އަށް ބަދަލުކޮށް އަންނަ މަހުން ފެށިގެން އެ ފައިސާ އެފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ރާއްޖޭގެ ރައްޔިތުންނަށް އާސަންދައިގެ ދަށުން ލިބެމުން ގެންދާ ބޭސް ފަރުވާގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ނިޒާމެއް ތައާރަފްކުރުމުގެ ގޮތުން މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި "ހުސްނުވާ އާސަންދަ" މިރޭ ތައާރަފްކުރާނެ ކަން ސަރުކާރުން އިޢުލާންކުރުމަކީ ވެސް މިދާއިރާއިން ހޯދާފައިވާ ކުރިއެރުމެކެވެ.

ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހަމަ ޖައްސައިދޭނެ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން އާންމު ބަލިތަކުގެ ޑޮކްޓަރުން ކޮންމެ އާއިލާއަކަށް ބެހެއްޓުމުގެ މަސައްކަތް ހަތަރު ރަށެއްގައި ދާދި އަވަހަށް ފަށާނެ ކަމަށް މި 100 ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބަލާލާއިރު ސަރުކާރުން ވަނީ ރާއްޖޭގެ ސްކޫލްތަކުގައި އަރަބި ބަސް ވަކި މާއްދާއެއްގެ ގޮތުގައި ހަމަޖައްސައި ބައެއް ސްކޫލްތަކުގައި އަރަބި ބަސް ކިޔަވާދޭން ފަށައިފަ އެވެ. އަދި ހުރިހާ ސްކޫލެއްގައި ވެސް އަރަބި ބަސް ކިޔަވާދޭން ފަށާނެ ކަމުގައި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހެން ގުރުއާން މުދައްރިސުން ހަމަޖައްސައިދީފައިވާކަން ފާހަގަކުރެވެ އެވެ. މިދާއިރާއަށް ބަލާއިރު ވެސް 100 ދުވަހުގެ ކުރު މުއްދަތެއްގައި އެކަށީގެންވާ ކުރިއެރުންތަކެއް ސަރުކާރުން ނުހޯދައޭ ބުނެވިދާނެބާވަ އެވެ.

ޒުވާނުން ހަރުދަނާ ބައެއްގެ ގޮތުގައި ހަދައި ޒުވާނުން ބާރުވެރިކުރުވުމަކީ މިސަރުކާރުގެ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު ޒުވާނުން ތަމްރީން ކުރުމުގެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ޒުވާނުން ބާރުވެރި ކުރުމުގެ މަސައްކަތްތަކެއް 100 ދުވަހުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާކަން ފާހަގަކުރެވެ އެވެ. އެގޮތުން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކޮންމެ ރަށެއްގައި ވެސް "ސްޕޯޓްސް އެރީނާއެއް" މި ޕްރޮޖެކްޓް ރޭ ފަށައިފައިވާ އިރު ރާއްޖޭގައި ކުޅެވޭ އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތަކަށް ހާއްސަ ކުރެވިގެން އެންމެ ޒަމާނީ ވަސީލަތްތަކާ އެކު 16 އަތޮޅެއްގައި 34 ސްޕޯޓްސް އެރީނާއެއް އެޅުމަށް ސަރުކާރުން ވަނީ ޑިޒައިނެއް ތައްޔާރުކޮށްފަ އެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޔޫތު މިނިސްޓްރީން ވަނީ ކެމްޕެއިނެއް ފަށައިފަ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރާނީ ހުދު ރައްޔިތުންނެވެ. އަދި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ހުރިހާ ވުޒާރާތަކުން ވެސް މެދުކެނޑުމެއް ނެތި 100 ދުވަހުގެ ރޯޑްމެޕްގައި ކަނޑައަޅާފައިވާ ކަންކަން ހާސިލްކުރުމަށް ގިނަގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ސަރުކާރުން ބަލައިގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފައިދާ ހުރި އަދި އެންމެ މުހިންމު ވާނެހެން ހީވާ ހުރިހާ ވައުދެއްގެ ފުއްދުމުގެ މަސައްކަތް ފެށިފައިވާއިރު މި ނޫން ދާއިރާތަކުން ވެސް 100 ދުވަހުގެ ރޯޑްމެޕްގައި ކަނޑައަޅާފައިވާ ކަންކަން ހާސިލްކޮށްފައިވާ އިރު މި ސަރުކާރަށް ސަތޭކަ ނުލިބޭންވި ސަބަބެއް އެބައޮތްތޯ އެވެ.