23 Feb 2014, 23:55
ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ "ސްޕޯޓްސް އެރީނާ ޕްރޮޖެކްޓް"، އޮލިމްޕަހުގައި މިރޭ އޮތް ހާއްސަ ޖަލްސާއެއްގައި އިފްތިތާހް ކޮށްފި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ސްޕޯޓްސް އެރީނާ ޕްރޮޖެކްޓް އިފްތިތާޙު ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި، ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް އާއި ކުޅިވަރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓްރު މުހައްމަދު ޣައްސާން މައުމޫން އެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޒުވާނުންނަށް ބޭނުންވާ ކުޅިވަރު އިންފްރާސްޓްރަކްޗާ، މިއަހަރު ތެރޭގައި ގާއިމްވެގެންދާނެ ކަމަށާއި އަންނަ އަހަރު ވެސް ޒުވާނުންގެ ހަރަކާތްތަކަށް 300 މިލިޔަނަށްވުރެ ކުޑަނޫން ބަޖެޓެއް ހިމަނާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު މަލީހު ވިދާޅުވީ، އެންމެ ފުރަތަމަ އަޅާ އެރީނާތައް ބިޑަށް ލުމަށް މާދަމާ ޓެންޑާ ބޯޑަށް ފޮނުވާނެ ކަމަށެވެ.
ކުޅިވަރުގެ ޒަމާނީ ވަސީލަތްތައް ކޮންމެ ރަށެއްގައި ގާއިމްކުރުމަކީ ޕީޕީއެމް ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ އެއް ވައުދެވެ.
ރާއްޖޭގައި ކުޅެވޭ އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތަކަށް ހާއްސަ ކުރެވިގެން އެންމެ ޒަމާނީ ވަސީލަތްތަކާއެކު 16 އަތޮޅެއްގައި 34 ސްޕޯޓްސް އެރީނާ އެއް އެޅުމަށް ސަރުކާރުން ވަނީ ޑިޒައިނެއް ތައްޔާރުކޮށްފަ އެވެ.