ޒުވާނުންނަށް އަމާޒުކޮށްގެން "އަ ވީކެންޑް ވިތު އެމްއެންޑީއެފް" ގެ ނަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހިންގި ހަތަރުވަނަ ޕްރޮގްރާމް މިއަދު ނިންމާލައިފި އެވެ.

ޅ. އަތޮޅުގެ ހަތަރު ރަށެއްގެ ސްކޫލްތަކުގެ މަތީ ސާނަވީގައި ކިޔަވަމުންދާ ޖުމުލަ 42 ދަރިވަރަކު ބައިވެރިކޮށްގެން، މިމަހުގެ 19 އިން 22 އަށް އެމްއެންޑީއެފް ނޮދަން އޭރިޔާ، ޅ. މަޑިވަރުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަންއޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުﷲ ޒުހުރީއެވެ.

މިޕްރޮގުރާމުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު އަންހެން ބައިވެރިއަކަށް ހޮވިފައި ވަނީ ނައިފަރު މަދަރަސަތުލް އިފްތިތާހުގެ ދަރިވަރު ޅ. ނައިފަރު ޖަންބުގޭ ފާތިމަތު ނަޒީރާ އެވެ. އަދި ހުރިހާގޮތަކުން އެންމެ ރަނގަޅު ފިރިހެން ބައިވެރިއަކަށް ހޮވިފައިވަނީ ނައިފަރު މަދަރަސަތުލް އިފްތިތާހުގެ ދަރިވަރު ޅ. ނައިފަރު ހަވޭލި ހުސައިން ސަވާދެވެ. މީގެ އިތުރުން މިޕްރޮގްރާމުގެ ހުރިހާގޮތަކުން އެންމެ ރަނގަޅު ސްކޮޑަކަށް ހޮވިފައިވަނީ ބްރާވޯ ސްކޮޑް 2 އެވެ.

އެމްއެންޑީއެފުން ބުނީ، ތިންދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނައިފަރުން 11 ދަރިވަރަކާއި، ކުރެންދޫއިން 12 ދަރިވަރަކާއި، ހިންނަވަރުން 12 ދަރިވަރެއްގެ އިތުރުން އޮޅުވެލިފުށިން ހަތް ދަރިވަރަކު ބައިވެރިވެފައިވާ ކަމަށެވެ.

"އަ ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ބައިވެރިންނަށް އިސްލާމީ ރިވެތި އުސޫލުތައް ދަސްކޮށްދިނުމާއި ބައިވެރިންގެ ހިތްތަކުގައި ގައުމީ ލޯތްބާއި ގައުމީ ރޫހު އަށަގެންނެވުމާއި ލީޑާޝިޕް ހުނަރު އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު ހޯދައިދިނުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ދިމާވާ ގޮންޖެހުންތަކަށް ކުރިމަތިލައި، ނަފުސަށް އިތުބާރު ކުރަން ދަސްކޮށްދިނުމާއި ހަރުދަނާ ނަފުސެއް ބިނާކުރާނެ ގޮތްތަކާއި އެމްއެންޑީއެފާއި ބެހޭ ތަފާތު މައުލޫމާތުތައް ބައިވެރިންނަށް ފޯރުކޮށްދީފައި ވާނޭ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، "އަ ވީކެންޑް ވިތު އެމްއެންޑީއެފް" މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ އާ ދައުރުގެ ފުރަތަމަ 100 ދުވަހު އެމްއެންޑީއެފުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ދިވެހި ގައުމީ ދިފާއީ ބާރުގެ ފަރާތުން އިޖްތިމާއީ ހިދުމަތެއްގެ ގޮތުގައި ކޮށްދިނުމަށް ނިންމަވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރެވޭ ކަމެއް ކަމަށެވެ.

"އަ ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމްގައި މިހާތަނަށް 261 ޒުވާނަކު ބައިވެރިވެފައިވާ ކަމަށް އެމްއެންޑިއެފުން ބުންޏެވެ.