23 Feb 2014, 22:03
ދިވެހި ސިފައިންނަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ ސިފައިންނާއި ބައްދަލުކޮށްލެއްވުމަށް މިއަދު ހަވީރު ކަޅުތުއްކަލާކޮށިގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ކަޅުތުއްކަލާއަށް ވަޑައިގަތުމުން ރައީސަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމެވެ.
އެ ރަސްމިއްޔާތުގައި ސިފައިންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ، ސިފައިންނަކީ ވަރަށް އެކުވެރިކަމާއެކު، ވަރަށް މަތިވެރި ގައުމީ ވާޖިބެއް އަދާކުރައްވާ ބައެއް ކަމަށެވެ. އަދި ސިފައިންނަކީ ކޯޑް އޮފް އޮނާ، ޔުނިފޯމްގެ ޑިގްނިޓީ، ތަނުގެ ޑިސިޕްލިންއަށް އިހްތިރާމްކުރާ ބަޔަކަށް ވުމަކީ އެމަނިކުފާނު ވަރަށްބޮޑަށް އެދިވަޑާއިގަންނަވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން، މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވީ ސިފައިންގެ އެންމެ މަތީ ވެރިންނަކީ އަބަދުވެސް ސިފައިންނާ އެކުގައިވާ ބައެއްކަން ގަބޫލުކުރަންޖެހޭ ކަމަށާއި ވެރިންގެ ފަރާތުން އަބަދުވެސް އަންނާނީ ޓާސްކްތަކާއި މިޝަންތައް ކަމަށެވެ.
"އަޅުގަނޑުމެންގެ ވާޖިބަކީ އެކަންކަން އެންމެ ފުރިހަމައަށް އަސްކަރީ އުސޫލުތަކާއި އެއްގޮތަށް، ކޮށް ނިންމާލުން" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.
ރައީސުލް ޖުމްހޫރިއްޔާ ސިފައިންނާއި ބައްދަލުކޮށްލެއްވުމަށް ވަޑައިގެންނެވީތީ ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެންމެހާ ސިފައިންގެ ނަމުގައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ.