މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އާއި ހަވާލުކޮށްގެން އދ. މާމިގިލީގައި ރައްކާތެރި ފެނުގެ ނިޒާމް ގާއިމުކުރުމަށް ހިންގާ މަޝްރޫއު މިއަދު އިފްތިތާހުކޮށްފި އެވެ.

ސަރުކާރުގެ ހަރަދުގައި މާމިގިލީގައި ގާއިމްކުރާ އެ މަޝްރޫއު، އިފްތިތާހުކޮށްދެއްވީ މިއަދު ހަވީރު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި އެކަށީގެންވާ ފެނުގެ ނިޒާމެއްގެ އަސާސީ ހިދުމަތް ރަށްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އަދި އެ މަގުސަދު ހާސިލްކުރުމުގެ ގޮތުން ފެނާއި ނަރުދަމާ ނިޒާމްގެ ގިނަ ގުނަ މަޝްރޫއުތަކެއް ރޭވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި މަޝްރޫއު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި އދ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އަދި މާމިގިލީގެ އެންމެހާ ރައްޔިތުން ދެމުން ގެންދާ އެއްބާރުލުން ފާހަގަކުރައްވައި އެފަރާތްތަކށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ 50,322,050.52ރ. އަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންގާ އެ ޕްރޮޖެކްޓުގެ މަސައްކަތް އެމްޑަބްލިޔު އެސްސީއާ ހަވާލުކުރެވިފައިވާއިރު އަވަސް މުސްތަގުބަލެއްގައި އެރަށުގައި ނަރުދަމާގެ ނިޒާމް ފެށުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މާމިގިލީގައި ސާފު ބޯފެން ލިބޭނޭ ނިޒާމެއް ގާއިމުކުރަން ސަރުކާރުން ހިންގާ މި މަޝްރޫއުގެ ދަށުގެދަށުން އެރަށުގައި ރިވާސް އޮސްމޯސިސް (އާރްއޯ) ޕްލާންޓް ބެހެއްޓުމާއި، އާރްއޯ ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ވާރޭފެން ރައްކާކުރާ ޓޭންކް ބެހެއްޓުމުގެ އިތުރުން މުޅި ރަށުގައި ފެން ހޮޅި ވަޅުލައި ގޭގެއަށް ފެން ގުޅައިދިނުން ހިމެނެ އެވެ.