23 Feb 2014, 20:17
އެމްޑީޕީ އިން އަބަދުވެސް މަސައްކަތް ކުރަނީ އަދުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދު ތަކާއި ސަރުކާރުން ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫއުތަށް ހުއްޓުވަން ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ ފަރާތުން އަބަދުވެސް ފެންނަމުންދަނީ ސަރުކާރުގެ މަސައްކަތްތަށް ހުޓުވަން އުޅޭ މަންޒަރުކަމަށެވެ.
އެމްޑީޕީއަށް ފާޑު ވިދާޅުވަމުން އަދީބު ވިދާޅުވީ އެމްޑީޕީ އިން މިފަހަރު ބޭއްވި މަޖިލިސް ޕްރައިމަރީގައި ވެސް ފެނިގެން ދިޔައީ ހަމަނުޖެހުން ކަމަށާއި އެހެންނަމަވެސް ޕީޕީއެމްގެ ޕްރައިމަރީ ނިމިގެން ދިޔައިރު އެކަހަލަ އެއްވެސް ކަމެއް ފެނިފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ސަބަބުތަކާ ހުރެ މިފަހަރުގެ މަޖިލިސް އިންތިހާބުގައިވެސް "އެމްޑީޕީއަށް ކުރިމަތިލާން ޖެހޭނީ ބޮޑު ބައްޔަކާ" ކަމަށްވެސް އަދީބު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕީޕީއެމްގެ ފަރާތުން މިފަހަރު މަޖިލީހަށް ފެނިގެން މިދަނީ މުޅިން އާ އަދި ހާއްސަކޮއް ޒުވާން މޫނުތަކެއް. އަދި އެއީ އެމްޑީޕީ ގޮތަށް ކޯޓުގައި ހަޑި މައްސަލަތަކެއް ހުރި މެންބަރުންނެއްވެސް ނޫން. އެހެންވީމަ އަޅުގަނޑަށް ހަމަ ޔަގީން އެމްޑީޕީއަށް މިފަހަރުވެސް ކުރިމަތިލަން ޖެހޭނީ ބޮޑު ބައްޔަކާ،" އަދީބު ވިދާޅުވި އެވެ.
އެމްޑީޕީއާއި ޕީޕީއެމްގެ ހުރި ތަފާތު ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ ރައްޖޭގައި މިނިވަން ޖުޑިޝަރީއެއް އޮތުމުން ޕީޕީއެމް އިން އެކަމާ ކަންބޮ ނުވާ ކަމަށެވެ. އަދި ޕީޕީއެމްގެ އެއްވެސް މެންބަރެއްގެ މައްސަލައެއް ކޯޓުގައި ނޯންނާނެ ކަމަށާއި ނަމަވެސް އެމްޑީޕީގެ ގިނަ މެންބަރުން ތަކެއްގެ މައްސަލަތަކެއް މިހާރުވެސް ކޯޓުގައި ހުރިކަމަށެވެ.
އަދީބު ވިދާޅުވީ ޖުޑިޝަރީ ރިފޯމް ގެ ނަމުގައި އެމްޑީޕީން ވާހަކަ ދައްކަމުންދަނީ އެބޭފުޅުންގެ މައްސަލަތަކެއް ކޯޓުގައި ހުރުމުން ކަމަށެވެ.
މިހާރުގެ ސަރުކާރަށް މާދަމާ 100 ދުވަސް ހަމަވާއިރު މިހާތަނަށް އައިއިރުވެސް ސަރުކާރުގެ ހުރިހާ ވައުދުތަށް އައީ ފުއްދަމުން ކަމަށާއި އެމްޑީޕީގެ ޕާލަމެންޓުން އޭގެ އެއްވެސް ކަމަކަށް އެއްބާރުލުން ނުލިބޭކަމަށް އަދީބު ވިދާޅުވިއެވެ. ގޮތުން މިނިސްޓަރުންނަށް ރުހުން ނުދިނުމާއި ބަޖެޓަށް އެ ބޭފުޅުންގެ ވޯޓު ނުލިބުން އެއީ އެބޭފުޅުން ދިވެހިރާއްޖޭގެ ތަރައްގީއަށާއި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއަޅާ ކަމުގެ "ބޮޑު ހެއްކެއް" ކަމަށްވެސް އަދީބު ވިދާޅުވި އެވެ.