23 Feb 2014, 18:26
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ތުން ޢަބްދުﷲ ހާޖީ އަހްމަދު ބަދާވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަރިހަށް މިއަދު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މެލޭޝިޔާއާ ދެގައުމުގެ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މެލޭޝިޔާގައި ދިރިއުޅެމުންދާ ދިވެހިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން، އެ ގައުމުން އަބަދުވެސް ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރު މަހާތީރު މުހަންމަދުގެ ދައުރުގައި މެލޭޝިޔާގެ ކުރިއެރުމަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ބަދާވީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ މެލޭޝިޔާގެ ވަރަށް ގާތް ރަހުމަތްތެރި ގައުމެއްކަމުގައި ވިދާޅުވި އެވެ. އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމަކީ އަބަދުވެސް މެލޭޝިޔާއާ ވަރަށް ގާތްގުޅުމެއް ބާއްވަވާ ބޭފުޅެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ހުސައިން ޝަރީފާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރު އަލީ ނަސީރު މުހައްމަދާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރު އާއިޝަތު އަޒީމާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.