ރައްޔިޔުންގެ މަޖިލީހުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ފުލުހުން ސެކިއުރިޓީ ދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގައި ވާދަކުރައްވާ ބައެއް ކެނޑިޑޭޓުންނަށް ސެކިއުރިޓީ ދެމުން ގެންދަނީ މަޖިލިސް އިންތިހާބުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ކަމަށެވެ. އަދި ސެކިއުރިޓީ ދިނުމުގައި ބަލަނީ އެ ކެންޑިޑޭޓަކު އެދުމުންނާއި ފުލުހުންގެ އިންޓެލިޖެންސް އަށް ލިބޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ސެކިއުރިޓީ ދެމުން ގެންދަނީ ކިތައް ކެންޑިޑޭޓުންނަށް ކަމެއް ނުވަތަ އެ ބޭފުޅުންގެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

"އެކިއެކި ސަބަބުތަކާ ހުރެ އިންތިހާބްގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް މިހާރު ވެސް ސެކިއުރިޓީ ދެމުން މިިގެނދަނީ،" އޮފިޝާލް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބާ ގުޅިގެން ފުލުހުން ހިންގާ މި އޮޕަރޭޝަންގެ ކޮމާންޑަރު އަދި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ މިހާރު އެންމެ އިސްކަމެއްދީފައި ވަނީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ރައްކާތެރިކަމާ އެކު ކެމްޕޭންކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ކަމަށެވެ.

ނަވީން ވިދާޅުވީ އިންތިހާބު އަމާން މާހައުލެއް ގާއިމް ކުރުމަށްޓަކައި ފުލުހުން ކުރަން ޖެހޭ މަސައްކަތްތައް ކުރިޔަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނާއި ގުޅިގެން ކަމަށެވެ.

މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ކެމްޕޭން ކުރައްވަމުންދާ އިރު ކެންޑިޑޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކާއެކު ފުލުހުން ބައްދަލުކުރައްވަމުން ގެންދާ ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.

ވިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަތޮޅުތަކުގައި ކެމްޕޭން ކުރާއިރު ރަށްރަށުގައި މަސްލަޙަތު ގެއްލޭގޮތަށް އަދި ބައެއް ކެންޑިޑޭޓުންނާ ދެކޮޅަށް ކެމްޕޭންގެ ހަރަކާތްތައް ހިންގައި ސުލްޙަވެރި ކަމަށް ބުރޫ އަރާ ފަދަ ގޮތަކަށް ބައެއް ފަރާތްތަކުން އަމަލްކުރަމުން ގެންދިއުން ކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.