23 Feb 2014, 17:27
ފޯނު ނަންބަރު ބަދަލުނުކޮށް ޕްރީ ޕެއިޑް ޕެކޭޖްތަކުން ޕޯސްޓް ޕެއިޑް ޕެކޭޖްތަކަށް އަދި ޕޯސްޓް ޕެއިޑް ޕެކޭޖްތަކުން ޕްރީ ޕެއިޑް ޕެކޭޖްތަކަށް ބަދަލު ކުރެވޭ ގޮތަށް ދިރާގުން މިއަދު ހަމަޖައްސައިފި އެވެ.
ދިރާގުން މިއަދު ނެރެފައިވާ ނޫށް ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ޕްރީ ޕެއިޑް ޕެކޭޖް ގެންގުޅޭ ވަރަށް ގިނަ ފަރާތްތަކަކުން ޕޯސްޓް ޕެއިޑް ޕެކޭޖަށް ބަދަލު ކުރަން ބޭނުންވާ ކަމަށެވެ.
"ދިރާގުން އަލަށް ތައާރަފް ކުރެވުނު ސްމާޓް ޕޯސްޓް ޕެއިޑް ޕްލޭންތަކަށް ވަނީ ވަރަށް ގިނަ ޕްރީ ޕެއިޑް ކަސްޓަމަރުންގެ ޝައުގުވެރިކަން ފާޅުކޮށްފަ. ނަމަވެސް މީގެ ތެރެއިން ގިނަ ކަސްޓަމަރުން އެދިވަޑައިގަންނަވަނީ މިހާރު ގެންގުޅުއްވާ ޕްރީ ޕެއިޑް ނަންބަރަށް ބަދަލެއް ނުގެނެސް ޕޯސްޓް ޕެއިޑް ޕްލޭނަކަށް ބަދަލު ކުރެއްވުމަށް،" ދިރާގުގެ މާކެޓިން މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވި ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިހާރު ގެންގުޅޭ ނަންބަރު ބަދަލުނުކޮށް ޕްރީ ޕެއިޑް ޕެކޭޖަކުން ޕޯސްޓް ޕެއިޑް ޕެކޭޖަކަށް ބަދަލު ކުރުމުގެ ހިދުމަތް ދިރާގު ކަސްޓަމާ ފްރަންޓް އޮފީހުން ލިބޭނެ ކަމަށެވެ.