23 Feb 2014, 17:31
ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ލޯބިވެރިޔާ ހުށަހަޅާފައިވާ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އަދި ގައުމީ ޓީމުގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) ބަންދުގެ މުއްދަތު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރިލްވާންގެ މުއްދަތު އިތުރުކޮށްފައި ވަނީ މިއަދު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
ރިލޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ރިލޭ ކައިވެނިކުރަން އުޅޭ އަންހެން ކުއްޖާ ހުށަހެޅި މައްސަލައެއްގަ އެވެ.
ނަމަވެސް މިހާތަނަށް އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރިލްވާން ކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި 23 އަހަރުގެ ޒުވާނާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.
އޭއެފްސީ ކަޕްގައި މިމަހު 25 ވަނަ ދުވަހު ހެނޯއީ ޓީއެންޓީ އާއި ދެކޮޅަށް ކުޅޭ މެޗު ކުޅުމަށް ވިއެޓްނާމަށް މާޒިޔާ ފުރާފައި ވަނީ އެޓީމްގެ އެންމެ މުހިންމުއެއް ޑިފެންޑަރު ރިލްވާން ނުލައިކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
ނަމަވެސް ފުލުހުންގެ ހައްޔަރުގައި ހުރި ރިލޭ އާއި ބެހޭ ގޮތުން މާޒިޔާ އިން މިހާތަނަށް އެއްވެސް ކޮމެންޓެއް ކުރަން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗް އިސްމާއިލް މެހްފޫލް (އިންމަ) ވަނީ ބުނެފަ އެވެ.
"ރިލޭ އަކީ މުހިންމު ކުޅުންތެރިއެއް. އަހަރެން އެކަމާއި ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ކުރާކަށް ނެތިން. ރިލޭ ނެތުމަކީ ޓީމަށް ލިބުނު ދެރައެއް. ކޮންމެ ކުޅުންތެރިއަކީ ވެސް ވަރަށް މުހިންމު ކުޅުންތެރިއެއް. ރިލޭ ނެތްތަން ފޫބައްދަން ޓީމްގައި ރަނގަޅު ކުޅުންތެރިން އެބަތިބި." އިންމަ ބުންޏެވެ.