މި އަހަރުގެ މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީއަށް) 1200 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.


އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ އެ ކޮމިޝަނަށް އެންމެ އާންމު ގޮތެއްގައި ހުށަހަޅާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ މައްސަލަތަކާއި ޑޮކިއުމަންޓުތަކަށް ބަދަލު ގެނައުމުގެ މައްސަލަތައް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އެ ކޮމިޝަނާ ގުޅުމެއް ނެތް މައްސަލަތައް ވެސް އެ ކޮމިޝަނަށް ހުށަހަޅަމުން އަންނަ ކަމަށާއި އެފަދަ މައްސަލަތައް ކަމާ ގުޅޭ އިދާރާތަކަށް ފޮނުވުމުގެ މަސައްކަތް ކުރާކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ރިޕޯޓު ކުރެވޭ ވަރު އަހަރުން އަހަރަށް މައްޗައް ދާދިޔުމަކީ ކޮރަޕްޝަނާ މެދު މުޖުތަމައު ހޭލުންތެރިވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަށެވެ.


"އަސްލު ކޮރަޕްޝަންގެ މައްސަލަތައް އިތުރު ވަނީކީ ނޫން. ގިނަ ބަޔަކު މިކަމަށް ހޭލުންތެރިވަނީ. މިސާލަކަށް ބިޑު ހުށަހަޅަން ގޮސްފައި ހިތްހަމަ ނުޖެހޭ ކަމެއް ފެންނައިރަށް މިހާރު މައްސަލަ ހުށަހަޅާ އެބަ. ނޫނީ ބިޑު ނުލިބިގެން ވެސް މައްސަލަ އެބަ ހުށަހަޅާ،" ލުތުފީ ވިދާޅުވި އެވެ.


އެ ކޮމިޝަނަށް މި އަހަރު ވެސް ބޮޑަތި މައްސަލަތަކެއް ހުށަހެޅި އެ މައްސަލަތައް ބަލާފައިވާ ކަމަށާއި އަދި އެކަންކަމާ މެދު ފިޔަވަޅުއަޅާފައިވާ ކަމަށް ލުތުފީ ވިދާޅުވި އެވެ.


އޭސީސީން މިހާރު ވެސް އަންނަނީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އާ ގުޅިގެން ކޮރަޕްޝަނާ މެދު ދީނީ ގޮތުން މުޖުތަމައު ހޭލުންތެރި ކުރުމަށް ޓަކައި ހާއްސަ ދަރުސްތަކާއި ވޯކްސޮޕްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންނެވެ. އެގޮތުން ރޭ އާޓިފިޝަލް ބީޗްގައި "ނަރަކައިގެ ކާނާގެ ނަމުގައި" ޝައިހް ފަރީދުގެ ތަގުރީރެއް ވަނީ ބާއްވައިފަ އެވެ.


ޓްރާންސް ޕޭރަންސީ އިންޓަނޭޝަނަލްސް އިން ދާދިފަހުން ޝާއިއުކުރި ކޮރޮޕްޝަން ޕާސެޕްޝަން އިންޑެކްސް 2010ގައި ދިވެހި ރާއްޖޭގައި ކޮރޮޕްޝަންގެ މިންވަރު ދެ އަހަރު ދުވަހުގެ ތެރޭގައި 28 ދަރަޖަ އިތުރު ވެފައި ވާކަމަށް ދައްކަ އެވެ.