ފަލަސްތީނުގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ޑރ. ރިޔާޟް އަލް މާލިކީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި ފަލަސްތީނަށް ވަޑައިގަތުމަށް ދައުވަތު އަރުވައިފި އެވެ.

މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ޚާރިޖީ ވަޒީރު މިއަދު ހެނދުނު ރައީސް މައުމޫންގެ އޮފީހަށް ވަޑައިގެން ފަލަސްތީނުގެ ރައީސް ހިޒް އެކްސަލަންސީ ޑރ. މަޙްމޫދު ޢައްބާސް ފޮނުއްވާ ދަޢުވަތުގެ ސިޓީފުޅު ރައްދުކުރެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.

ފަލަސްތީނުގެ ރައީސްގެ ސިޓީފުޅުގައި ރައީސް މައުމޫނަށް ފަލަސްތީނުގެ ސަރުކާރާއި ރައްޔިތުން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވާނެ ކަމުގައި ވިދާޅުވި ކަމަށް ވެސް މައުމޫންގެ އޮފީހުން ބުންޏެވެ. އަދި ރައީސް މައުމޫންގެ ރިޔާސަތުގައި ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅުއްވި ހަރުދަނާ އިސްލާމީ ސިޔާސަތަށް ތާރީފް ކުރައްވައި ފަލަސްތީންގެ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ފަލަސްތީނާއި އިޒްރޭލާ ދެމެދުގައި ދާއިމީ ޞުލްޙައެއް ގާއިމްކުރުމަށްޓަކައި އެމެރިކާ ސަރުކާރުގެ އިސްނެގުމަކަށް ދެ ގައުމުގެ ދެމެދުގައި ދެކެވެމުންދާ ވާހަކަތަކުގެ ތަފްޞީލް ރައީސް މައުމޫނަށް އެރުވި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ.

ރައީސް މައުމޫންގެ ވާހަކަފުޅުގައި ފަލަސްތީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސް ދެއްވި ދަޢުވަތަށް ޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ފަލަސްތީނަށް ޒިޔާރަތްކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ވަރަށް މަތިވެރި އުފަލެއް ކަމުގައި ވެސް ވިދާޅުވި އެވެ. އަދި ފަލަސްތީނު ރައްޔިތުންގެ އުންމީދުތައް ޙާޞިލްކޮށްދެއްވުމަށް ޓަކައި ރައީސް މަޙްމޫދު ޢައްބާސްއާއި ފަލަސްތީނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައީސް މައުމޫން ތާރީފް ކުރެއްވި ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.