23 Feb 2014, 16:52
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އިން އުފެއްދި އަސާސީ މެރިކަލްޗާ ކޯހުގެ މުގައްރިރު މިއަދު ނެރެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒްގެ ސީނިއާ ބަޔޮލޮޖިސްޓް ހަސަން ޝަކީލް ވިދާޅުވީ އަސާސީ މެރިކަލްޗާ ކޯހުގެ މުގައްރިރަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގައިޑްލައިނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މުގައްރިރެއް ކަމަށެވެ.
"މި މުގައްރިރަކީ އެ [ކޮލިފިކޭޝަން] އޮތީރިޓީން ފާސް ކުރުމަށް ހަމަޖެހިފައިވާ މުގައްރިރެއް. ކުރިއަށް އޮތް ތާނގައި މެރިކަލްޗާގެ ތައުލީމާއި ތަމްރީން ދިނުމަށް މި މުގައްރިރު ބޭނުން ކުރެވޭނެ،" ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ މިއަދު ނެރުނު މުގައްރިރު ފިޝަރީޒް އިން ހިންގާ ކޯސްތަކުގައި ހިމެނުމުގެ އިތުުރުން މި މުގައްރިރަށް ކިޔަވައިދޭން ބޭނުންވާ ފަރާތްތަކަށް ވެސް މުގައްރިރު ފޯރުކޮށްދެއްވާނެ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ބަލާފައި މި އޮތީ އަޅުގަނޑުމެން ހިންގާ ކޯސްތަކުގައި ހިމެނުމުގެ އިތުރުން އަދި މި މުގައްރިރު ބޭނުންވާ ފަރާތްތަކަށް ވެސް ފޯރުކޮށްދީގެން ކުރިއަށް ގެންދާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީގެ އަމާޒަކީ އެ ސިނާއަތަށް މީހުން އުފެއްދުން ކަމަށްވާ އިރު ކޯހުގެ މުގައްރިރު ހެދި އިރު އަމަލީ މަސައްކަތަށް ވަރަށް ބޮޑަށް ބަލާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ސިނާއަތަށް މީހުން ބިނާކުރުން. މި ސިނާއަތަށް މީހުން ބިނާ ކުރާއިރު ވަރަށް ބޮޑު ސަމާލު ކަމެއް ދީފައިވާނެ އަމަލީ މަސައްކަތަށް. ގާތްގަނޑަކަށް ކޯހުގައި ހިނގާ ވަގުތުގެ 25 ޕަސެންޓު އޮންނާނީ އަމަލީ މަސައްކަތް،" ޝަކީލް ވިދާޅުވި އެވެ.
އެ ހަފްލާގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މުގައްރިރުގައި ހިމެނޭ ބައެއް ފޮތްތަކަކީ ވަރަށް ގިނަ ދުވަސްތަކެއްގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފޮތްތަކެއް ކަމަށެވެ.
"މީގެ ތެރޭގައި ހިމެނޭ ބައެއް ފޮތްތަކަކީ މިހާތަނަށް އެމްއާރްސީ [މެރިން ރިސާޗް ސެންޓާ]ގެ ދިރާސާތަކުން ވަރަށް ގިނަ ދުވަސްތަކެއްގެ ތަޖުރިބާތަކެއް ފޮތެއްގެ ސިފައިގައި ހެދެމުން ތައްޔާރު ކުރެވެމުން އައި ފޮތްތަކެއް. މި ފޮތްތައް ބޭނުން ކުރެވޭނީ މި ދެންނެވި [އަސާސީ މެރިކަލްޗާ ކޯހުގެ] ސިލަބަހުގެ ތެރޭގައި ކިޔަވައިދޭން ބޭނުން ކުރާ ފޮތްތަކުގެ ގޮތުގައި." ޑރ. ޝައިނީ ވިދާޅުވި އެވެ.