ރާއްޖޭގެ ބަޖެޓަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް ސައުދީ އަރަބިއްޔާ އިން ހޯދުމަށް އެދިފައިވާ 300 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއާ ބެހޭ ގޮތުން ސައުދީގެ ވަލީ އަހުދު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެ އަށް މާދަމާ ކުރައްވާ ދަތުރުފުޅުގައި މަޝްވަރާކުރައްވަން ނިންމަވާފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ސައުދީގެ އަރަބް ނިއުސްގައި މިއަދު ބުނެފައިވަނީ ސަލްމާން ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ބަޖެޓް ސަޕޯޓަކަށް ބޭނުންވާ ލޯން އެހީގެ މަޝްވަރާތަކުގެ އިތުރުން ޓޫރިޒަމާއި ހަކަތަ އާއި ދަތުރުފަތުރުގެ ދާއިރާގެ އިތުރުން ދީނީ ގޮތުން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ.

ރާއްޖޭގެ ބަޖެޓަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް ޓަކައި ސައުދީ އަރަބިއްޔާގެ ސަރުކާރުގައި 300 މިލިއަން ޑޮލަރުގެ ލުއި ލޯނެއް ހޯދުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދު ސަރުކާރުގައި އެގައުމަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.

ސައުދީގެ ވަލީ އަހުދު ރާއްޖެ އަށް ވަޑައިގަތުމުގެ ކުރިން ޖަޕާން އަދި ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވާނެ އެވެ. އެގޮތުން އެމަނިކުފާނު ވަނީ ސައުދީގެ ސްކޮލާޝިޕްގައި ޖަޕާނުގައި ކިޔަވަމުން ގެންދާ ކޮންމެ ދަރިވަރަކަށް 10،000 އެމެރިކާ ޑޮލަރުގެ އެހީއެއް ދެއްވާފަ އެވެ.

ރާއްޖެ އަށް އާއިލާއާ އެކު ކުރައްވާ ދަތުރުފުޅަށް ފަހު އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އަށް ކަމަށް ވެސް އަރަބް ނިއުސްގައި ބުނެފައިވެ އެވެ.

ސަލްމާން ރާއްޖެ އަށް ކުރައްވާ މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބްދުލްގައްޔޫމުގެ ދައުވަތަކަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ.