ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޭއެފްސީ ކަޕްގައި އަންނަ އަންގާރަ ދުވަހު ހޯމް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގައި ސަޕޯޓަރުންގެ އެހީއަށް އެދިއްޖެ އެވެ.

މިމަހު 25 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހޯމް ޔުނައިޓެޑާ ދެކޮޅަށް ނިއު ކުޅޭ މެޗު ބައްލަވައި ލެއްވުމަށް ޓަކައި ވީހާ ވެސް ގިނަ ބޭފުޅުން ދަނޑަށް ވަޑައިގެން ސަޕޯޓްކޮށްދިނުމަކީ ނިއުގެ ވަރަށް ބޮޑު އެދުމެއް ކަމުގައި އެކްލަބުގެ ޑިރެކްޓާ އޮފް ސްޕޯޓްސް އަންވަރު އަލީ ވިދާޅުވި އެވެ.

"ނިއުއިން އެންމެ ބޮޑަށް އެދޭ އެދުމަކީ މިސީޒަނަކީ ނިއު ރޭޑިއަންޓަށް ކާމިޔާބީ ސީޒަނަކަށް ހެދުމަށްޓަކައި ކްލަބުގެ ސަޕޯޓަރުން އަދި ދިވެހި ފުޓްބޯޅަ އަށް ލޯބިކުރައްވާ ހުރިހާ ފަރާތްތަކުން ދަނޑަށް ވަޑައިގެން އަޅުގަނޑުމެންނަށް ކާމިޔާބު ލިބުމަށް އެދި ސަޕޯޓްކޮށްދިނުން." ސްޕޯޓްސް ޕަވާގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންވަރު ވިދާޅުވި އެވެ. "އޭގެ އިތުރުން އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް އެއީ މިމެޗު ބައްލަވައި ލެއްވުމަށްޓަކައި ޖާޒީ ބައްލަވައިގަނެގެން ދަނޑަށް ވަޑައިގަތުން. ސްޕޯޓްސް ޕަވާ އިން ޖާޒީ ލިބެން ހުންނާނެ."

މިއަދު ގަލޮޅު ދަނޑުން ޓިކެޓް ވިއްކަން ފެށޭ އިރު، އޭފްއެފްސީ ޗެލެންޖް ކަޕަށް ދަނޑު މަރާމާތު ކުރަމުންދާތީ ވިއްކުމަށް ހަމަޖެހިފައި ވަނީ 7000 ވަރަކަށް ޓިކެޓް ކަމަށް އަންވަރު ވިދާޅުވި އެވެ.

"މިއަދު 2 ޖެހާއިރު ގަލޮޅު ދަނޑުން ޓިކެޓް ލިބެން ހުންނާނެ. ޓިކްޓްތަކުގެ އަގުތައް ހުރީ ހަމަ ކުރީ އަހަރުތަކެކޭ ވެސް އެއް އަގެއްގައި. ގޮނޑި ބަރިން 50 ރުފިޔާ އަށް، ސިޑިބަރިން 10 ރުފިޔާ އަށް." އަންވަރު ވިދާޅުވި އެވެ. "މިފަހަރު ކޮންމެވެސް ވަރެއްގެ ތަފާތު ތަކެއް އެބަ ހުރި، އޭއެފްސީ ޗެލެންޖް ކަޕަށް ދަނޑު ތައްޔާރުކުރުމުގެ މަސައްކަތް ހިނގަމުން ދާތީ ކުރީގެ ރަސްމީ ގޮނޑި ބަރީގެ އެއްވެސް ގޮނޑިއެއް މިފަހަރު ލިބޭކަށް ނުހުންނާނެ. އެހެންވުމުން އަޅުގަނޑުމެން ޓިކެޓް ޗާޕްކޮށްފައި ވެސް މިހިރީ ވަރަށް މަދު އަދަދަކަށް. ގޮނޑި ބަރިން ގާތްގަނޑަކަށް ޖުމްލަ 500 އެއްހާ ގޮނޑީގެ ޓިކެޓް ލިބެން މިހިރީ. ނަމަވެސް ސިޑިބަރީގެ ޓިކެޓްތައް ފުރިހަމަ ޖާގައާއި އެއްވަރަށް ލިބެން ހުންނާނެ. ސިޑިބަރިން މިހާތަނަށް ޕްރިންޓް ކުރެވިފައި ވަނީ 7000 ޓިކެޓް. އޭގެ ތެރެއިން އަޅުގަނޑުމެން ވިއްކަން އެބަ ނެރެން 6500 ޓިކެޓް. ސިޑިބަރިން ގާތްގަނޑަކަށް 500 އެއްހާ ޓިކެޓް."

މިމެޗަކަށް މަދު އަދަދަކަށް ޓިކެޓް ލިބެން ހުރި ނަމަވެސް، ކުރިއަށް ހުރި މެޗުތަކުގައި ކުރިއެކޭ ވެސް އެއްވަރަކަށް ޓިކެޓް ލިބެން ހުންނާނެ ކަމަށް އަންވަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ދެން މިބަލީ ދެވަނަ މެޗަށް އަންނައިރު، ކުރީގަ އަޅުގަނޑުމެން ބޭނުންކުރަމުން ދިޔަ ގޮނޑިބަރި ފުލްކޮށް އަޅުގަނޑުމެންނަށް ލިބޭނެކަމަށް. އެހެންކަމުން ދެވަނަ މެޗަށް އަޅުގަނޑުމެން ދަނޑުގެ ފުލް ކެޕޭސިޓީއަށް ޓިކެޓް ވިއްކަމުން ދާނަން."

ރާއްޖޭގައި ކުޅޭ މެޗުތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އަބަދުވެސް ސަޕޯޓަރުން ކަމުގައި އަންވަރު ވިދާޅުވި އެވެ. "ހަގީގަތުގައި ރާއްޖޭގައި މިކުޅޭ މެޗުތަކުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްދެނީ ބާރަވަނަ ކުޅުންތެރިޔާ. އެއީ އަޅުގަނޑުމެންގެ ސަޕޯޓަރުން. މިދިޔަ އަހަރުވެސް އަޅުގަނޑުމެން ރާއްޖޭގައި ކުޅުނު މެޗުތަކުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްދީފައިވާނީ އަޅުގަނޑުމެންގެ ސަޕޯޓަރުން."

މިއަދު މެންދުރު 11:30 ގައި ނިއުއާއި ދެކޮޅަށް ނުކުންނަ ހޯމް ޔުނައިޓެޑްގެ ޓީމް ވަނީ ރާއްޖެ އައިސްފަ އެވެ. މިއަދު ހަވީރު ދެޓީމްގެ ފަރިތަކުރުންތައް ކުރިއަށްދާއިރު، ނިއުގެ ޕްރެކްޓިސް އޮންނާނެ މާފަންނު ޓާފް ދަނޑުގަ އެވެ. އަދި ހޯމް ޔުނައިޓެޑްގެ ފަރިތަކުރުން އޮންނާނީ ހެންވޭރު ދަނޑުގަ އެވެ.