ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެންބަރެއްގެ ގޮތުގައި ހުރެ، އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ނަމަ، އެ މެންބަރަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ކެޑިޑޭޓުންގެ ތެރެއިން ޕީޕީއެމް އިން ތާއީދު ކުރާނީ އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ އިތުރުން ސަރުކާރު ކޯލިސަންގައި ހިމެނޭ ޕާޓީތަކުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެކަނި ކަމަށެވެ. އަދި ޕާޓީގެ މެންބަރަކަށް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަކީ މަނާ ކަމެއް ކަމުގައި އެ ޕާޓީގެ އަސާސި ގަވާއިދުގައި ވަނީ ބަޔާން ކޮށްފައި ކަމަށް މިއަދު ޕީޕީއެމް އިން ނެރުނު އިއުލާންގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ އިއުލާންގައި ބުނެފައި ވަނީ، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ޕީޕީއެމްގެ ނަމާއި ލޯގޯ ބޭނުންކުރުމަކީ މަނާ ކަމެއްކަމުގައި ވާތީ، އެފަދަ އަމަލުތައް އެޕާޓީގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެފަރާތްތަކާ މެދު ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކުގައި އެދޭނެ ކަމަށް ވެސް ޕީޕީއެމް އިން މިއަދު ނެރުނު އިއުލާންގައި ބުނެފައިވެ އެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ސަރުކާރު ކޯލިސަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޕީޕީއެމްއިން ޖުމްލަ 50 ކެންޑިޑޭޓަކު ވާދަކުރާ އިރު، ޖޭޕީން ވާދަކުރަނީ 28 ކެޑިޑޭޓެކެވެ. އަދި އެމްޑީއޭ އިން ހަތް ކެންޑިޑޭޓެއް ވާދަކުރެ އެވެ.
އަދާލަތު ޕާޓީން ވާދަ ކުރަނީ 12 ކެންޑިޑޭޓެކެވެ. އަދި ސަރުކާރު އިދިކޮޅު ޕާޓީން އިންތިހާބުގައި 85 ކެންޑިޑޭޓުން ވާދަކުރާ އިރު، މިނިވަންކޮށް އިންތިހާބުގައި 120 ކެންޑިޑޭޓުން ވާދަކުރެ އެވެ.