23 Feb 2014, 15:09
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަލަސްތީނަށް ވަޑައިގަތުމަށް އެގައުމުގެ ރައީސް މަހުމޫދު އައްބާސް އެރުއްވި ދައުވަތު ގަބޫލް ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ ރައީސް ފަލަސްތީނަށް ވަޑައިގަތުމަށް އެދި ވަޑައިގެން އެ ގައުމުގެ ރައީސް ދައުވަތު އަރުވާފައި ވަނީ މިއަދު ރައީސްގެ އަރިހަށް އެގައުމުގެ ފޮރިން މިނިސްޓަރު ރިއާދު އަލް މާލިކީ ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައި ކަމަށެވެ. ނަމަވެސް އެ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ކޮން އިރެއްގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
މުއާޒު ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމުގައި މަހުމޫދު އައްބާސް ދެއްވި ދައުވަތު ގަބޫލްފުޅުކުރައްވާފައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޕަލަސްތީނާއި ރާއްޖެ އާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށެވެ. އަދި އެ ގުޅުން އިތުރުން ދެމެހެއްޓެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނަވާ އުފަލެއް ކަމުގައި ވިދާޅުވެފައިވާ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
"ރައީސް ވިދާޅުވީ ދެގައުމުގެ ދެމެދުގައި މި އޮތް ގުޅުމަކީ ރައީސް މައުމޫންގެ ދައުރުއްސުރެ ވަރަށް ގާތް ގުޅުމެއް ކަމަށާއި އެގައުމަށް ވަޑައިގެންނެވުމަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި އުފާކުރައްވާ ކަމަށް،" މުއާޒު ވިދާޅުވި އެވެ.
ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އިރުމަތީ ޤުދުސް އެއީ، އެ ދައުލަތުގެ ވެރިރަށް ކަމުގައި ހެދުމަށް ރާއްޖޭން ތާއީދު ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި ވެސް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ބައިވެރިވުމަށް ފަލަސްޠީނުން ކުރާ މަސައްކަތްތަކަށް ދިވެހި ރާއްޖެ އިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.