23 Feb 2014, 14:22
މި އަހަރަށް ކްރިކެޓް ބޯޑުގެ ހަރަކާތްތަކަށް ހަތް މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
މި ބަޖެޓް ފާސްކޮށްފައި ވާނީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒު މީޓީން ރޫމްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ކްރިކެޓު ބޯޑުގެ މި އަހަރުގެ އާންމު ޖަލްސާގަ އެވެ.
މި އަހަރުގެ އާންމު ޖަލްސާގައި ބޯޑުގެ ފުރިހަމަ އަށް މެންބަރުނާއި އެސޯސިއޭޓް އެއް މެންބަރާ ފަރުދީ އެއް މެންބަރުގެ އިތުރުން އެކްސްކޯގެ ތިން މެންބަރަކު ބައިވެރިވެވަޑައިގަތެވެ. އަދި މި ޖަލްސާގައި އޮބްސާވަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ޔޫތް އެންޑެ ސްޕޯޓްސްގެ ބޭފުލަކާއި ފުވައްމުލަކު ކްރިކެޓް ކޯޑިނޭޓް ކުރައްވާ ފަރާތުން ބައިވެރިވަޑައިގަތެވެ.
މި އަހަރުގެ ކުރިކެޓުގެ ބަޖެޓް ފާސްކުރުމުގެ އިތުރުން، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓައި އޮޑިޓް ރިޕޯޓު ހުށަހެޅި ފާސްކުރެވިފައިވެ އެވެ. މި ދެ ރިޕޯޓް ވެސް ފާސްކުރެވުނީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
އަހަރީ ރިޕޯޓް ހުށަހަޅުއްވައި ދެއްވަމުން، މިދިޔަ އަހަރަކީ ކްރިކެޓް ބޯޑަށް އެތައްގޮތަކުން ކާމިޔާބު އަހަރެއް ކަމަށް ބޯޑުގެ ރައީސް އަހުމަދު ހަސަން ދީދީ ފާހަގަ ކުރެއްވި އެވެ. އެގޮތުން ބައިނަލް އަގުވާމީ މުބާރާތްތަކުގައި ރާއްޖެ ހޯދި ކާމިޔާބީތައް ފާހަގަކުރެއްވި އެވެ. އަދި ކްރިކެޓް ވައިޑީޕިގައި ހޯދިފައިވާ ކާމިޔާބީތައް ވެސް ފާހަގަ ކުރެއްވި އެވެ.
އޭޖީއެމް ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި، ކްރިކެޓް ބޯޑުން ފުވައްމުލަކުގައި އަހަރީ ޖަލްސާ ބެއްވުމަށް ނިންމި ނިންމުމަށް އިޝާރާތްކުރައްވައި މި ކަމުގެ ސަބަބުން ފުވައްމުލަކު ކްރިކެޓަށް ބޯޑުންދޭ މުހިންމުކަން ހާމަވެގެންދާ ކަމަށް ހަސަން ދީދީ ފާހަގަ ކުރެއްވި އެވެ. އަދި އޭޖީއެމް އާ ގުޅިގެން އެރަށުގައި ހިނގުނު ކްރިކެޓްގެ ހަރަކާތްތަކުގެ ސަބަބުން އެރަށުގައި ކްރިކެޓް ގެ ސައުގުވެރިކަން ފުޅާވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވި އެވެ.
މި ޖަލްސާގައި ބޯޑުގެ މެންބަރުކަން އިތުރު ކްލަބަކަށް ފާސްކުރި އެވެ. މެންބަރުންގެ އިއްތިފާގުން ކްރިކެޓް ބޯޑުގެ މެންބަރުކަން ދިނުމަށް ފާސްކުރެވުނު ކްލަބަކީ ނިއުސްޓާ އެވެ. މި އަހަރުގެ އާންމު ޖަލްސާގައި ބޯޑުގެ ހިނގާ ގަވާއިދަށް އިސްލާހުގެނައުމަށް އާންމު ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް ފާސްކުރެވުނެވެ. މި ޖަލްސާބެއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މޭމަހުގެ ތެރޭގަ އެވެ. މިގޮތަށް ފާސްކުރެވުނީ، ބޯޑުގެ މެންބަރަކު ހުށަހެޅި މައްސަލައަކާ މެދު، މަސްވަރާކުރުމަށް ފަހު އެވެ.