23 Feb 2014, 13:53
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރަށް މާދަމާ 100 ދުވަސް ފުރޭ އިރު، 100 ދުވަހުގެ ތެރޭގައި ކަސްޓަމްސް އިން ހާސިލު ކުރުމަށް ކަނޑައަޅި ލަނޑުދަޑިތަކުގެ 100 ޕަސެންޓް ހާސިލުކުރެވިފައިވާ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްގެ ފަރާތުން މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ކަނޑައަޅާފައިވާ ކަންތައްތައް ހާސިލްކުރެވުނު މިންވަރު މީޑިއާ އަށް ހިއްސާކުރުމަށް މިއަދު ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އަހުމަދު ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކަސްޓަމްސް އިން ހާސިލްކުރުމަށް ކަނޑައަޅާފައިވާ 10 ލަނޑުދަނޑިއެއް މިހާތަނަށް އައި އިރު ހާސިލްކުރެވިފައިވާ ކަމަށެވެ.
"އެންމެ ފުރަތަމަ ލަނޑުދަނޑިތައް އިއުލާންކުރި ދުވަހު އަޅުނގަޑު ދެންނެވިން 70، 80 ޕަސެންޓާއި ދެމެދުގެ މިންވަރެއް ހާސިލްކުރެވުނު ނަމަވެސް އެއީ ރަނގަޅު މިންވަރެއް ކަމަށް ގަބޫލުކުރާނަމޭ. މިއަދު އުފަލާ އެކު ދަންނަވާލަން ޖެހެނީ 100 ދުވަހުގެ ތެރޭގައި އަޅުނގަޑުމެން ކަނޑައެޅި 10 ލަނޑުދަނޑި އެއްކޮށް ހާސިލްވެ، 100 ޕަސެންޓް ވަނީ ހާސިލްކުރެވިފައޭ،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަސްޓަމްސް އިން ކަނޑައެޅި 10 ކަންތައް ހާސިލްކުރުމަށް ޓަކައި ވަރަށް ބޮޑު ބަދަލުތަކެއް ގެނެވިފައިވީ ނަމަވެސް އެކަމަށް ކަސްޓަމްސްގެ މުވައްޒަފުން ދެއްވި އެއްބާރުލުމުން ހޭދަވެފައި ވަނީ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. އެގޮތުން ކަސްޓަމްސްގެ 10 ލަނޑުދަނޑި އަށް ޖުމްލަ 388،438 ހޭދަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ކަސްޓަމްސް އިން ހާސިލްކުރުމަށް ކަނޑައަޅާފައިވާ އޮންލައިން ހިދުމަތްތަކުގެ ތެރެއިން އެކްސްޕޯޓް އިމްޕޯޓް ޑިކްލަރޭޝަނާ އެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް އޮންލައިންކޮށް ކަސްޓަމްސް އަށް ހުށަހެޅޭނެ އިންތިޒާމާއި ކަސްޓަމްސް އަށް ދައްކަންޖެހޭ ފައިސާ ފަސޭހަކަމާ އެކު ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.
ކިއުގައި ޖެހެން ނުޖެހި ފައިސާ ދެއްކުމުގައި ބައުންސް ޗެކުގެ މައްސަލަތައް މަދުވެގެން ދިއުމުގެ އިތުރުން ނަގުދު ފައިސާ ގެނައުމުގައި ދިމާވާ ސަލާމަތީ ކަންތައްތަކުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އެ ލިޔެކިޔުންތައް ޕްރިންޓް ކުރުމަށް ކަސްޓަމްސް އިން ހޭދަކުރަން ޖެހޭ ހަރަދުތައް ވެސް ކުޑަވެގެންދާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކާގޯ އެގްޒެމިނޭޝަންގެ މަސައްކަތްތަކުގައި ވެސް ލިޔެކުންތައް ޕްރިންޓްކުރުމުގެ ބަދަލުގައި މިހާރު ޓެބްލެޓްތައް ބޭނުންކޮށްގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.
ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކަސްޓަމްސްގެ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާ އެކުގައި ދިނުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ، އެކްސްޕޯޓް ކުރުމުގައި ކަސްޓަމްސް އިން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ދިނުމަށް ޓަކައި ޓެސްޓްތަކެއް މިދިޔަ ހަފްތާ ތެރޭގައި ކުރެވި، އެކަން ރަސްމީކޮށް މިއަދު ފެށިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޕޯސްޓުގެ މަގުން ރާއްޖެއަށް އެތެރެކުރާ މުދާ ބަލައި ފާސްކުރުން އަވަސްކުރުމަށް ޓަކައި އެކްސްޓްރޭކޮށްގެން މުދާ ސްކްރީން ކުރުމުގެ މަސައްކަތް، ޕޯސްޓް އޮފީހުގައި ކަސްޓަމްސް އިން ގާއިމްކޮށްފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ. އެގޮތުން ކަސްޓަމްގެ ބެލުމުގެ ދަށުގައި ހަފުތާއަކު ބަހައްޓަން ޖެހޭ މުދަލުގެ އަދަދު 70 އަށް ދަށްކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ އަދަދު ކުރިން އުޅެނީ ހަފުތާއަކު 970ގައި ކަމަށެވެ.
ކްލިއާ ސާވިސް މެދުވެރިކޮށް ރާއްޖެ އަންނަ މުދާ އައުމުގެ ކުރިން ކަސްޓަމްސް އަށް ހުށަހަޅާ ޑިކްލަރޭޝަން ނިންމޭނެ އުސޫލުތަކެއް ކަނޑައެޅުމަށް ކަސްޓަމްސް އިން ހިމެނި ލަނޑުދަޑި ވެސް މިދިޔަ މަހުގެ ތެރޭގައި ގާއިމް ކުރެވި އިއުލާން ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ކުރީގައި 24 ގަޑިއިރު ހޭދަވާ އިރު މިހާރު އެކަމަށް ހޭދަވަނީ ހަތަރު ގަޑިއިރު ކަމަށާއި އެގޮތުން 80 ޕަސެންޓްގެ ވަގުތު ސަލާމަތް ކުރެވިފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.
ރާއްޖެ އަށް އެތެރެކުރާ ރަލާއި އޫރުމަސް ފަދަ ތަކެތި އިމްޕޯޓްކުރުމުގެ ހުއްދަ އޮންނަ ފަރާތް ނޫން އެހެން ފަރާތްތަކަށް ރައްދުނުވާނެކަން ކަށަވަރުކުރުމަށް ޓަކައި އީގޭޓް ޕާސް ޕޯޓަލްގެ ހިދުމަތް ތައާރަފްކުރުމަށް ކަސްޓަމްސް އިން ކަނޑައެޅި ލަނޑުދަނޑި އަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ އެ ހިދުމަތުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ ތެރޭގައި ހުޅުވާލާފައިވާ ކަމަށެވެ.