އަންނަ މޭ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ މެޗުތައް ކުޅޭ ގަލޮޅު ދަނޑާއި އައްޑޫ ހިދަތޫ ޒޯން ސްޓޭޑިއަމަށް ބޭނުންވާ ލައިޓްތައް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި އެވެ.

ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވީ، މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ ދެ ދަނޑު ވެސް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ އިރު، އެ ދެ ދަނޑުގެ ލައިޓިން ސިސްޓަމްތައް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ ހަފްތާގައި ބިޑަށް ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން ބިޑް ހުޅުވާލައިފައި ވަނީ ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތުކޮށް މިހާރު ހުރި ލައިޓްތައް ސާވިސް ކުރުމާއި އައްޑޫ ހިތަދޫ ސްޓޭޑިއަމްގައި މުޅިން އަލަށް ލައިޓިން ސިސްޓަމް ގާއިމް ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މި ދެ ދަނޑުގެ ލައިޓިންގެ މަސައްކަތް ކުރުމަށް ހުޅުވާލި ބިޑް މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށާއި އަދި އެބިޑްތަކުގެ ތެރެއިން އެންމެ ރަނގަޅު ބިޑެއް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

ރާއްޖޭގައި ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅޭ ދެ ދަނޑުގެ މަސައްކަތް ތަރައްގީ ކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ވަނީ 71.5 މިލިއަން ރުފިޔާ އަށް ހަވާލްކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ އެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.

މުބާރާތް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.

ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެ އެވެ.