ކެބިނެޓްގެ ހުސް މަގާމުތަކަށް ބޭފުޅުން ހަމަޖެއްސެވުމުގައި ތަރުތީބުތަކެއް އޮންނަ ކަމަށާއި އެ އިންތިޒާމާއި ތަރުތީބުތަކުގެ ދަށުން ބޭފުޅުން އައްޔަން ކުރެއްވުން ދެން ލަސް ނުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރެއްވުމުގައި ރައީސް ބައްލަވާ ބެއްލުވުންތަކާއި ތަރުތީބުތަކުގެ ތެރޭގައި އެ މަނިކުފާނު ނިސްބަތްވާ ޕާޓީ އެ ވަގުތެއްގައި އޮތް ކޮއިލިޝަނެއްގެ ގުޅުންތަކަށް ވެސް ވިސްނަވާ ވަޑައިގަންނަވާ ކަމަށެވެ.


"ސަރުކާރާކަށް އެއްވެސް ޕާޓީއަކާ ކޮއިލިޝަނެއް ނޯވޭ. އެކަމަކު ރައީސް ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީއާ އެފަދަ ގުޅުންތައް އެބަވޭ. އެ އިންތިޒާމްގެ ތެރެއިން ރައީސް ބައްލަވާ އެ ބޭފުޅެއްގެ ގާބިލު ކަމަށާއި ނަތީޖާ ހާސިލު ކުރެއްވުމާއި ސިޔާސަތުތަކުގެ މައްޗަށް އެކަންކަމުގައި ހިސާބަކަށް ވަނީ މަޑުޖެހިލާފައި. އެކަމަކު ލަހެއް ނުވެ ވުޒާރަތަކަށް ވަޒީރުން ހަމަޖެހިގެންދާނެ،" ޒުހައިރު ވިދާޅުވި އެވެ.


ޒުހައިރު ވިދާޅުވީ ހުރިހާ ވުޒާރާއަކަށް ވަޒީރުން އައްޔަން ނުވެ އޮތް ކަމުގައި ވިޔަސް މުހިންމު ހުރިހާ ވުޒާރާ އަކަށް ވަޒީރުން ލައްވައި އަދި އެހެން ވުޒާރާތަކަށް ވެސް ގާއިމު މަގާމުތައް ލައްވާފައިވާއިރު މިހާރު އައްޔަން ކުރައްވާފައވާ ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.


އޭގެ ކުރިން އައްޔަން ކުރެއްވެވި ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ އާއި ޓްރާންސްޕޯޓް މިނިސްޓަރު އާދިލު ސަލީމް ވެސް ރުހުން ހޯއްދެވުމަށް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. 


"ރައީސް މިއަދު ވެސް އުޅުއްވަނީ ދަތުރުފުޅެއްގައި. އެފަދަ ދަތުރުތަކުގައި އުޅުއްވަމުން އެ މަސައްކަތް (ވަޒީރުން އައްޔަން ކުރުމުގެ މަސައްކަތް) ވެސް ރައީސް ގެންދަވަނީ، އެ އޮންނަ އިންތިޒާމުގެ ދަށުން ކުރައްވަމުން،" ޒުހައިރު ވިދާޅުވި އެވެ.


މިވަގުތު ވަޒީރަކު ނެތި ވަނީ ޑިފެންސް މިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އެވެ. ރުހުން ދިނުމުގެ މައްސަލައަށް ފަހު މިހާތަނަށް އައްޔަން ކުރައްވާފައި ވަނީ ބަންޑާރަ ނައިބު ކަމަށް ޑރ. އަހުމަދު އަލީ ސަވާދާއި ހޯމް މިނިސްޓަރު ކަމަށް ހަސަން އަފީފާއި އެޑިއުކޭޝަން މިނިސްޓްރީ އަށް ޝިފާ މުހައްމަދެވެ.