ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ސޮސިއޭދާދް އަތުން 3-1 ލަނޑުން ބާސެލޯނާ ބަލިވީ ރަނގަޅަށް ޓީމް ތައްޔާރު ނުކުރެވުމުން ކަމަށް ބާސާގެ ކޯޗު ޖެރާޑޯ މާޓިނޯ ބުނެފި އެވެ.

ބާސާ އަށް ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ލަނޑާ އެކު ލަލީގާގެ ތާރީހުގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިންގެ ލިސްޓްގެ ތިން ވަނަ އަށް މެސީ އެރި ނަމަވެސް އެ ލަނޑުގެ ސަބަބުން ބާސާ އަށް އެއްވެސް ފައިދާއެއް ނުލިބުނެވެ. މެޗުގައި ބާސާގެ އެލެކްސް ސޯންގްގެ ފަރާތުން ބައިކޮޅަށް ލަނޑެއް ވަތް އިރު، އެންޓޮއިނޭ ގްރީޒްމަން އާއި ޑޭވިޑް ޒުރުޓޫޒާގެ ލަނޑުން ސޮސިއެދާދް ވަނީ ބާސާގެ މައްޗަށް ކުރި ލިބިފަ އެވެ.

މިމެޗުން ބާސާ ބަލިވުމުން އާޖެންޓީނާ ބަހުން ސޮސިއެދާދްގެ އެސިސްޓަން ކޯޗާއި ދިމާލަށް އެއީ ހަމަނުޖެހޭ މީހެއް ކަމަށް ބުނުމުން ދެވަނަ ހާފްގެ ކުޅުން ސަޕޯޓަރުންނާ އެކު ބަލަން ޖެހުނު ބާސާގެ ކޯޗު މާޓިނޯ ހުރިހާ ޒިންމާއެއް ނަގާކަމަށް އޭނާ ބުނެފައިވެ އެވެ.

"މިމެޗަށް އަހަރެންނަށް ޓީމް ރަނގަޅަށް ތައްޔާރު ނުކުރެވުނީ، މެޗުގައި ރަނގަޅަށް ކުޅުނު ޓީމަކީ ސޮސިއެދާދް. ދެން އަހަރެމެންނަށް އޮތީ ކުރިއަށް އޮތް މެޗަށް ތައްޔާރުވުން." އުމުރުން 51 އަހަރުގެ ބާސާގެ ކޯޗް މާޓިނޯ ބުންޏެވެ. "މެޗުގެ ނަތީޖާ އެއްވަރުވެފައި އޮތް އިރު، ސެސް ފެބްރިގާސް އާއި އެލެކްސިސް ސަންޗޭޒް ކުޅެން ހުރިއިރު، ޒަވީ އެރުވުމަކީ އަހަރެންނަށް ގޯސްކޮށް ކުރެވުނު ކަމެއް."

ސޮސިއެދާދް އަތުން ބާސާ ބަލިވުމާ އެކު، ތިން ޕޮއިންޓްގެ ލީޑަކާ އެކު ރެއާލް މެޑްރިޑް ވަނީ ލަލީގާގެ އެއްވަނަ އަށް ޖެހިލައިފަ އެވެ. ބާސާ ބަލިވި ނަމަވެސް، އަދި ލީގު ނިމުނީކީ ނޫން ކަމަށް އެކްލަބުގެ ސްޕެއިން ތަރި އަންދްރޭސް އިނިއެސްޓާ ބުނެފައިވެ އެވެ. "މިހާރު ލީގު އެދަނީ ވަރަށް ވާދަވެރިކޮށް، މި ބައްޔާ އެކު އިތުރަށް މަސައްކަތްކުރަން ޖެހޭނެ." އިނިއެސްޓާ ބުންޏެވެ. "ބަލިވުމުން އެކަމާއި ދެރަވަން، ނަމަވެސް އަދި ލީގު މި ނިމުނީކީ ނޫން."