23 Feb 2014, 13:15
އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓް ލުމަށް ފަސް ދުވަހުގެ ތެރޭގައި 6093 މީހުން ރީ ރަޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.
"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ބިޔުރޯގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ޝަކީލް ވިދާޅުވީ ރާއްޖެ އާއި ރާއްޖެ އިން ބޭރުން މިހާތަނަށް 6093 މީހުން ރީ ރަޖިސްޓްރީކޮށް އެ މީހުންގެ ފޯމްތައް ޕްރޮސެސްކޮށްފައިވާ ކަމަށެވެ.
"ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓް ލުމަށް 6093 މީހުން ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ރަޖިސްޓްރީކޮށްފައި. އަދި އެ ފޯމްތައް މިހާރު ވަނީ ޕްރޮސެސް ކުރެވިފައި" ޝަކީމް ވިދާޅުވި އެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓް ލުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަންނަ މާޗް މަހު ބާއްވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މުޅި ޖުމްލަ 302 ކެންޑިޑޭޓުން ވާދަ ކުރާނެ ކމަށް އިލެކްޝަންސް ކޮމިޝަން އިން ވަނީ ބުނެފަ އެވެ.