ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެދާދް އަތުން ބާސެލޯނާ ބަލިވުމުން، ވާދަވެރި ރެއާލް މެޑްރިޑުން އޭގެ ފައިދާ ނަގައިފި އެވެ.

ސޮސިއެދާދް އާއި ދެކޮޅަށް ކުޅުނު މެޗުން ބާސާ ބަލިވީ 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑަކީ މެޗުގެ 32 ވަނަ މިނެޓްގައި ބާސާގެ މިޑްފީލްޑަރު އެލެކްސް ސޯންގް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ނަމަވެސް މެޗުގެ 36 ވަނަ މިނެޓްގައި ބާސާގެ އާޖެންޓީނާ ފޯވާޑް ލިއޮނެލް މެސީ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގެ 54 ވަނަ މިނެޓްގައި އެންޓޮއިނޭ ގްރީޒްމަން ސޮސިއެދާދް އަށް އަލުން ލީޑް ހޯދައިދިން އިރު، އޭގެ ފަސް މިނެޓް ފަހުން ޑޭވިޑް ޒުރޫޓާ ވަނީ އެޓީމަށް ލީޑް ފުޅާކޮށްދީފަ އެވެ.

އެލްޗޭ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 3-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓްގައި ރެއާލް އަށް ލީޑް ނަގައިދިނީ އަސިއާ އިޔަމެންޑި އެވެ. މެޗުގެ 71 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ލަނޑު ގެރެތް ބޭލް ކާމިޔާބުކޮށްދިން އިރު، މެޗުގެ 81 ވަނަ މިނެޓްގައި އެޓީމްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޒުވާން މިޑްފީލްޑަރު އިސްކޯ އެވެ.

ލަލީގާގައި އިއްޔެ ކުޅުނު އަނެއް ދެ މެޗު ނިމިގެންދިޔައީ އެއްވަރު ވެގެންނެވެ. ސެލްޓަ ވިގޯ އާއި ގެޓަފޭ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ 20 ވަނަ މިނެޓްގައި ގެޓަފާ އަށް ލީޑް ނަގައިދިން ނަމަވެސް، މެޗުގެ 59 ވަނަ މިނެޓްގައި ރަފީނިއާ ވަނީ ސެލްޓަ ވިގޯ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަލްމޭރިއާ އާއި މަލާގާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ލަލީގާގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، އެއްވަނާގައި އޮތީ ރެއާލް އެވެ. ރެއާލް އަށް 63 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނާގައި އޮތް ބާސެލޯނާ އަށް ލިބިފައި ވަނީ 60 ޕޮއިންޓެވެ. މިރޭ އޮސަސޫނާ އާއި ދެކޮޅަށް ނުކުންނަ އެތްލެޓިކޯ އަށް ވެސް ލިބިފައި ވަނީ 60 ޕޮއިންޓެވެ. ރަށުން ބޭރުގައި އޮސަސޫނާ އާއި ދެކޮޅަށް މިރޭ ރާއްޖޭގަޑިން 1:00ގައި ކުޅޭ މެޗުން އެތްލެޓިކޯ މޮޅުވެއްޖެ ނަމަ، ޕޮއިންޓްގެ ގޮތުން އެއްވަނާގައި އޮތް ރެއާލް އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވާނެ އެވެ.