23 Feb 2014, 11:52
އެއްދުވަސް ތެރޭގައި އެރަށްތައް މުޅިން ގިރައި ހުސްވީ ބާރުގަދަ ތޫފާނެއްގެ ސަބަބުންނެވެ. އޭރު ރަށުގެ އާބާދީގައި ތިބި 60 މީހުންގެ ތެރެއިން ސަލާމަތްވީ ކުޑަ ދެފިރިހެން ކުދިންނެވެ. އެ ދެ ކުދިން ސަލާމަތްވީ ބަނބުކެޔޮ ގަހެއްގައި އެލިގަނެގެން ތިބެ، އެތައް ދުވަހެއް ވަންދެން މާކަނޑުގައި އޮޔާ ދިޔަ ފަހުން ބަޔަކަށް ފެނިގެންނެވެ. މިއީ ދިވެހިރާއްޖެ ކަހަލަ ޖަޒީރާ ގައުމެއް ކަމަށްވާ މާޝަލް އައިލެންޑްސްގެ ނަޑިކްޑިކް އަތޮޅުގެ ވާހަކަ އެވެ.
http://sun.mv/albums/live_23196.jpg
*1905 ވަނަ އަހަރު އެރި ބާރުގަދަ ތޫފާނެއްގައި ގިރާލި މާޝަލް އައިލެންޑްސްގެ ނަޑިކްޑިކް އަތޮޅު-- ފޮޓޯ ޑެއިލީ މޭލް
އެއް ފަޅެއްގައި އޮތް 18 ރަށް ހިމެނޭ އެއަތޮޅު މުޅިން ގިރާލީ 1905 ވަނަ އަހަރު އެރި ބާރުގަދަ ތޫފާނެއްގެ ސަބަބުންނެވެ. އަތޮޅު ހަލާކުވެ ދިޔައިރު ބާކީ އޭރު ބާކީ އޮތީ ފަޅުތެރޭގައި އޮތް ކުޑަ ވެލިކޮޅެއް ކަމަށް ވިޔަސް މިހާރު އަތޮޅުގެ ރަށްތައް ވަނީ އަލުން އުފެދި ރަނގަޅަށް ރުއްގަސް ފަޅާފަ އެވެ.
ރަށްތައް އުފެދެން ހޭދަވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްކަން ހާމަކުރުމުގެ ގޮތުން ނިއުޒީލޭންޑްގެ ސައިންސްވެރިން މިހާރު އެއަތޮޅު ދިރާސާ ކުރަން ފަށާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީމެއިލް ބުންޏެވެ.
http://sun.mv/albums/live_23197.jpg
*ގިރާލި މާޝަލް އައިލެންޑްސްގެ ނަޑިކްޑިކް އަތޮޅު -- ފޮޓޯ ޑެއިލީ މޭލް
ނަޑިކްޑިކް އަތޮޅު ދިރާސާކުރި ސައިންސްވެރިން ދެކޭގޮތުގައި އެހާ އަވަހަށް އެއަތޮޅުގެ ރަށްތައް އަލުން އުފެދުނީ ވަށައިގެން އޮތް މޫދުގައި ދިރުން ހުރީމައެވެ.
"ރަށްތައް ހަރަކާތް ކުރޭ، (އެކި ދިމަދިމާއަށް ވެލިގަނޑު ބަދަލުވޭ)، އެއްދިމާއަކުން އެއް ދުވަސްވަރެއްގައި ގިރާއިރު އަނެއް ދިމާއަކުން އަނެއް ދުވަސްވަރެއްގައި ވޮޑޭ،" ދިރާސާގައި އިސްކޮށް އުޅުއްވާ މުރޭ ފޯޑް ނިއުޒީލޭންޑްގެ އެންޒެޑްސިޓީ ނަމަކަށް ކިޔާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
އަތޮޅަށް އައި ބަދަލުތައް ފާއިތުވި 69 އަހަރު ބެއްލެވުމަށް ފަހު ފޯޑް ވިދާޅުވެފައި ވަނީ ރަށްތަކުގައި ބޯކޮށް ގަސް ހެދުނީ 60 އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި އެއަތޮޅު ހަލާކުވުމުގެ ކުރިން ވަކިވަކިން ހުރި ބައެއް ކުދި ރަށްތައް ފަހުން އުފެދިފައި ވަނީ ބޮޑު އެއް ރަށެއްގެ ގޮތުގައި ކަމަށް ވެސް ފޯޑް ވިދާޅުވެފައިވެ އެވެ.
ފޯޑް ވިދާޅުވެފައިވާ ގޮތުގައި އެއަތޮޅުން ލިބޭ ފިލާވަޅަކީ ނުރައްކާތެރި ހާދިސާއެއްގެ ސަބަބުން މުރަކައިގެ ރަށެއް ހަލާކުވި ނަމަވެސް ހަމަ އެހާދިސާގެ ސަބަބުން އެރަށް އަލުން އިއާދަވުމުގެ މަސައްކަތް ވެސް ފެށޭ ކަމެވެ.
http://sun.mv/albums/live_23195.jpg
*ގިރާލި މާޝަލް އައިލެންޑްސްގެ ނަޑިކްޑިކް އަތޮޅު -- ފޮޓޯ ޑެއިލީ މޭލް
ކަނޑުގެ ލޮނުގަނޑު އުފުލޭތީ ކުދި ޖަޒީރާ ރަށްތައް ކަނޑުގެ އަޑިއަށް ގެނބިގެންދާނެ ކަމަށް ގިނަ ބަޔަކު ބިރުން އުޅޭ އިރު ، ނަޑިޑިކް އަތޮޅުގެ ދިރާސާއަކީ ރަށްތައް އުފެދޭ ގޮތް ދެނެގަތުމަށް ވަރަށް މުހިއްމު ދިރާސާއެއް ކަމަށް ފޯޑް ދެކެވަޑައިގަންނަވަ އެވެ.