ލޯންގްލައިން ނުވަތަ ލޭނު މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ފިޝަރީސް މިނިސްޓްރީ އާއި މިފްކޯ ގުޅިގެން މިއަދު ފަށައިފި އެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވީ މަސްވެރިންގެ މަސްވެރިކަމަށް އަންނަ "ޝޮކެއް ނުވަތަ ލޮޅުމަކުން" ސަލާމަތްވެގެން ތިބެވޭނީ އެއްކަމަކަށް އަބަދުވެސް ބަރޯސާވެތިބުން ކުޑަކޮށްގެން ކަމަށެވެ. އެގޮތުން މިހާހިސާބަށް އައި އިރު ވެސް ބޮޑުކަންނެލީގެ މަސްވެރިކަމުން ދިވެހިންނަށް ލިބެން ޖެހޭ އެންމެ ފުރިހަމަ ނަފާ ލިބިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ދިވެހި މަސްވެރިން ނުކުމެ ހަރަކާތްތެރިވާން ފަށައިފި ނަމަ ބޭރުގެ ފަރާތްތަކަށް އެތަންތަނުން ކުރެވޭ މަސްވެރިކަން ކުޑަވާނެ ކަމަށާއި އޭގެ ސަބަބުން އެ ސަރަހައްދުތަކުގެ މަސްވެރިކަމުން ދިވެހިންނަށް ލިބޭ މަންފާ ބޮޑުވާނެ ކަމަށެވެ.

"އެމްއެންޑީއެފް ނުވަތަ އެހެންވެސް ޕެޓްރޯލް ކުރާ ފަރާތްތަކަށް އަބަދު އެތަންތާކު ނުތިބެވޭނެ. އެހެންވީމާ ރާއްޖޭގެ މަސްވެރިން ނުކުމެ އެތަންތާއި ހަރަކާތްތެރިވާން ފެށީމާ ބޭރުގެ ފަރާތްތަކަށް އެ ސަރަހައްދުތަކުގައި ވަގަށް ކުރެވޭ މަސްވެރިކަން ކުޑަވާނެ. އެހެންވީމާ ދެން އެ ސަރަހައްދުތަކުން ވެސް ދިވެހިންނަށް ލިބޭ ނަފާ ބޮޑުވާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ހަފްތާއެއްގެ މުއްދަތަށް ކުރިޔަށްދާ އެ ޓްރެއިނިން ޕްރޮގްރާމް ހއ. ހޯރަފުށީގެ 10 ޒުވާނުންނާ އެކު އެ އަތޮޅު ބޭރުގައި ކުރިޔަށްދާ އިރު އެ ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިންނަށް ލޯންގްލައިން ނުވަތަ ލޭނު މަސްވެރިކަމާ ބެހޭ ހުރިހާ މައުލޫމާތުތައް ދޭނެ ކަމަށް މިފްކޯގެ ޑެޕިއުޓީ މެނޭޖަރު އަހްމަދު ދީދީ ވިދާޅުވި އެވެ.