23 Feb 2014, 10:47
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންފި އެވެ.
މިއީ ވެރިކަމުން ފައިބައިވަޑައިގަތުމަށް ފަހު ރައީސް ވަހީދު ސިޔާސީ ހަފްލާއެއްގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
"މި ޖަލްސާގައި ރާއްޖޭގެ ތިން ރައީސުން ބައިވެރިވެވަޑައިގަތްކަމީ ވަރަށް ހާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވޭނެ ކަމެއް،" މައުމޫން ވިދާޅުވި އެވެ.
އަޅުގަނޑު އެތާ [އިށީންދެވަޑައިގެން] އިން އިރު ހިތަށް އެރި މިކަހަލަ ދުވަސްތައް އަޅުގަނޑުމެންނަށް އިތުރަށް ފެނިގެންދާ ނަމަ ހާދަ ރަނގަޅޭ. ރާއްޖޭގައި ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުން ވެސް އެއް ތަނެއްގައި ތިއްބަވައިގެން ވާހަކަފުޅު ދައްކަވައި އެއް ފިކުރެއްގައި ތިއްބަވައިގެން ގައުމަށް ހިދުމަތް ކުރައްވާ ތަން ފެނިގެންދާނެ ނަމަ ހާދަ ރަނގަޅޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރޭ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަރުކާރަށް ދަތި ކުރުމާއި ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ހެދުމަށް ދެކޮޅު ހެދި މަންޒަރު މަޖިލީހުގެ ތެރެއިން ފެނިފައިވާ ކަމަށާއި މިފަހަރު ވޯޓު ދޭއިރު މާޒީގެ މެންބަރުން އަމަލުކޮށްފައިވާ ގޮތަށް ބަލަން ޖެހޭ ކަމަށެވެ.
"މާޒީގެ އެކިއެކި ވީޑިއޯތައް ބައްލަވާލެއްވީމާ ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަންވީ ކޮން ކަހަލަ ބޭފުޅުންނެއްތޯ ނުތިއްބަވަންވީ ކޮން ކަހަލަ ބޭފުޅުންނެއްތޯ."
ރޭގެ ހަފްލާގައި ރައީސް މައުމޫނާއި ރައީސް ވަހީދު ވާހަކަ ދެއްކެވި ނަަމަވެސް ވަގުތު ނެތުމުގެ ސަބަބުން ރައީސް ޔާމީން ވާހަކައެއް ނުދައްކަވަ އެވެ.