23 Feb 2014, 10:39
އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކުރީގައި އޮތް ތިން ޓީމް އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ، ލީގުގެ ވާދަވެރިކަން ބޮޑުކޮށްފި އެވެ.
އެވަޓަން އާއި ދެކޮޅަށް ކުޅެ ލީގުގެ އެންމެ ކުރީގައި އޮތް ޗެލްސީ އިން މެޗު ކާމިޔާބުކުރީ އެންމެ ފަހު ވަގުތު އެވެ. ސަންޑަލޭންޑް އަތުން ފަސޭހަކަމާ އެކު އާސެނަލް މޮޅުވި އިރު، ސްޓޯކް އަތުން މެންޗެސްޓާ ސިޓީ މޮޅުވީ ހަނި ތަފާތަކުންނެވެ.
އެވަޓަން އާއި ދެކޮޅަށް ކުޅެ 1-0 ލަނޑުން ޗެލްސީ މޮޅުވި މެޗުގައި އެޓީމްގެ ހަމައެކަނި ލަނޑު މެޗުގެ ކާމިޔާބު ކޮށްދިނީ ކެޕްޓަން ޖޯން ޓެރީ އެވެ. މެޗުގެ ދެވަނަ ހާފްގެ އިތުރު ވަގުތު ކޮޅުގައި ޓެރީ ލަނޑު ކާމިޔާބުކުރީ ޗެލްސީ އަށް ލިބުނު ހިލޭ ޖެހުމަކުން ފްރޭންކް ލަމްޕާޑް ނެގި ހުރަހަކުންނެވެ.
ސަންޑަލޭންޑް އަތުން އާސެނަލް މޮޅުވީ 4-1 ލަނޑުންނެވެ. މެޗުގައި އާސެނަލްގެ ފުރަތަމަ ދެލަނޑު ކާމިޔާބުކޮށް ލީޑް ނަގައިދިނީ އެޓީމްގެ ފްރާންސް ފޯވާޑް އޮލިވާ ޖިރޯޑް އެވެ. ޖިރޯޑްގެ ލަނޑުތައް ފެނުނީ މެޗުގެ ފަސްވަނަ މިނެޓް އަދި 31 ވަނަ މިނެޓްގަ އެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އާސެނަލްގެ ތިންވަނަ ލަނޑު ތޯމަސް ރޮޗިސްކީ ކާމިޔާބުކޮށްދިން އިރު، އެޓީމްގެ ހަތަރު ވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ލޯރެންޓް ކޮސިއެލްނީ އެވެ. ސަންޑަލޭންޑްގެ ހަމައެކަނި ލަނޑު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އެމަނުއެލް ގިއަޗެރިނީ އެވެ.
ސްޓޯކް ސިޓީ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ސިޓީ މޮޅުވީ 1-0 ލަނޑުންނެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ސިޓީގެ ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމްގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ އެވެ.
ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ކްރިސްޓަލް ޕެލަސް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި އިރު، ސައުތެމްޓަން އަތުން ވެސްޓް ހާމް ވަނީ މޮޅުވެފަ އެވެ. ކާޑިފް އާއި ދެކޮޅަށް ފަސޭހަކަމާ އެކު ހަލް ސިޓީ މޮޅުވި އިރު، ވެސްޓް ބްރޮމް އާއި ފުލަމް ބައްދަލުކުރި މެޗު ނިމުނީ 1-1 ލަނޑުންނެވެ.
ރޭގެ މެޗުތަކަށް ފަހު، ޕްރިމިއާ ލީގުގެ މަގާމްތަކަށް ގިނަ ބަދަލުތަކެއް އައިސްފަ އެއް ނުވެ އެވެ. ފަސްދޮޅަސް ޕޮއިންޓާ އެކު ލީގުގެ އެއްވަނާގައި ޗެލްސީ އޮތް އިރު، 59 ޕޮއިންޓާ އެކު އާސެނަލް އޮތީ ފަހަތުން ވިއްދާފަ އެވެ. ތިންވަނާގައި އޮތް ސިޓީ އަށް ލިބިފައި ވަނީ 57 ޕޮއިންޓެވެ.