ވޭތުވެ ދިޔަ 12 މަސް ދުވަހުގެ ތެރޭގައި މާލޭގެ އިންފްލޭޝަން ރޭޓު 6.02 ޕަސަންޓު މައްޗަށް ގޮސްފައިވާ ކަމަށް ޑީޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން (ޑީއެންޕީ) އިން ބުނެފި އެވެ.


ޑީއެންޕީން ނެރެފައިވާ "މާލޭ ނޮވެމްބަރު 2010 ކޮންސިއުމާ ޕްރައިސް އިންޑެސް" (ސީ.ޕީ.އައި) ބުނެފައިވާ ގޮތުން 2009 ޑިސެންބަރުން 2010 ނޮވެމްބަރުގެ ނިޔަލަށް މާލޭގެ އިންފްލޭޝަން ރޭޓު ވަނީ 6.02 ޕަސަންޓް މައްޗަށް ޖެހިފަ އެވެ. އަދި މަހުގެ އަގުތަކަށް އައި ބަދަލާ ނުލައި އެ އަދަދު 6.12 ޕަސަންޓަށް އަރާނެ ކަމަށް ވެސް ޑީއެންޕީން ބުނެފައިވެ އެވެ.  


މައިގަނޑު ގޮތެއްގައި އިންފްލޭޝަން މަތިވެފައި ވަނީ ކާބޯތަކެތިންނާއި ގެދޮރު މަރާމާތު ކުރުމާއި ފެނާއި ކަރަންޓާއި ގޭސް އަދި ތެލުގެ ބައިން ކަމަށް ޑީއެންޕީގެ ސީޕީއައި ރިޕޯޓު ބުނެ އެވެ. އޭގެ އިތުރުން ތައުލީމާއި ގޭގައި ހިފައިގެންގުޅޭ ސާމާނާއި ފަރުނީޗަރުގެ އަގުތައް ވެސް އުފުލިފައިވާ ކަމަށް ސީޕީއައި ރިޕޯޓު ބުނެފައިވެ އެވެ.


ވޭތުވެ ދިޔަ 12 މަސް ދުވަހުގައި އިންޕްލޭޝަން އެންމެ މައްޗަށް ގޮސްފައި ވަނީ ކާބޯތަކެތިން ކަމަށް އެ ޑިޕާޓްމަންޓުން ބުނެ އެވެ. އަދި "އެނުއަލައިޒްޑް" [އަހަރު ދުވަހަށް ބަލާލައިފައިވާ] އިންފްލޭޝަން ރޭޓުގެ 57 ޕަސަންޓު ހިއްސާ ކުރަނީ ކާބޯތަކެތި ކަމަށް ވެސް އެ ފަރާތުން ބުނެ އެވެ.  


ގެދޮރު މަރާމާތު ކުރުމާއި ބެލެހެޓުމާއި ފެނާއި ކަރަންޓު އަދި ތެލުގެ ބައިން "އެނުއަލައިޒްޑް" އިންފްލޭޝަން ރޭޓް މައްޗަށް ގޮސްފައި ވަނީ 37 ޕަސަންޓަށެވެ. އަދި ގެދޮރުގެ ކުލީގެ އެނުއަލައިޒްޑް އިންފްލޭޝަން   ވަނީ 7 ޕަސަންޓު މައްޗަށް ގޮސްފައި ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.


މި އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާ އިރު ނޮވެންބަރު މަހު މާލޭގެ އިންޕްލޭޝަން ރޭޓު 0.5 ޕަސެންޓް ވަނީ މައްޗަށް ގޮސްފަ އެވެ.


ނޮވެންބަރު މަހު އަގު މައްޗަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި ދޮންކެޔޮ، އަނބު، އަލުވި، މާޖިރިން، ކަރާ، ކެބެޖް، ކުކުޅު، ބިސް، ލޮނުމެދު އަދި ފިޔާ ހިމެނޭކަމަށް ޑީއެންޕީން ބުނެފައިވެ އެވެ.