ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް އިން އޭޑީކޭ ހޮސްޕިޓަލާއި ކ. ގުރައިދޫ ކައުންސިލާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާ ގުޅިގެނ ގުރައިދޫގައި އާންމު ބަލިތަކަށް ސްކްރީން ކުރުމަށް ހެލްތު ކޭމްޕެއް ބާއްވައިފި އެވެ.

ގުރައިދޫގެ 1800 މީހުންނަށް އަމާޒުކޮށްގެން އިއްޔެ ބޭއްވި އެ ހެލްތު ކޭމްޕުގައި އާންމު ބަލިތަކަށް މީހުން ވަނީ ސްކްރީން ކޮށްފަ އެވެ.

ކޭމްޕުގައި މީހުން ބެއްލެވީ އޭޑީކޭ ހޮސްޕިޓަލުގެ ދެ ޑޮކްޓަރުން ކަމަށްވާ ޑރ. މުހައްމަދު ވިޝާމް އާއި ޑރ. ހަމްޒާ ސޯލިހެވެ.

އާންމު ބަލިތަކަށް މީހުން ސްކްރީން ކުރުމުގެ އިތުރުން ބަލިތަކާ މެދު އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތެއް ވެސް އިއްޔެ ވަނީ އެ ރަށުގައި ކުރިއަށް ގެންގޮސްފަ އެވެ.

ގުރައިދޫގައި އިއްޔެ ހެނދުނު ނުވައަކުން ރޭގަނޑު އަށަކާ ހަމައަށް ކުރިއަށް ގެންދިޔަ އިރު ރަށުގެ ވަރަށް ގިނަ ރައްޔިތުން ވަނީ މިކަމުގައި ބައިވެރިވެފަ އެވެ.