23 Feb 2014, 10:11
މިމަހު 25 ވަނަ ދުވަހު ހެނޯއީ ޓީއެންޑްޓީ އާއި ދެކޮޅަށް ކުޅޭ މެޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ވިއެޓްނާމަށް ފުރައިފި އެވެ.
ރޭގެ ވަގުތެއްގައި ވިއެޓްނާމަށް ފުރި މާޒިޔާ އިން ވިއެޓްނާމަށް ފުރީ އެޓީމްގެ އެންމެ މުހިންމު އެއް ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) ނުލަ އެވެ. މާޒިޔާ އަށް ރިލޭ ނުލައި ފުރަން ޖެހުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އިއްޔެ އޭނާ ހައްޔަރު ކުރުމުންނެވެ.
ވިއެޓްނާމަށް ފުރުމުގެ ކުރިން މީޑިއާ އާއި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް އިސްމާއިލް މެހްފޫލް (އިންމަ) ބުނީ، ވާދަވެރި މެޗެއް ނުކުޅުމުގެ ސަބަބުން ކުޅުންތެރިންނަށް އޭގެ އަސަރު ކުރާނެ ކަމަށެވެ. "ވާދަވެރި މެޗެއް ނުކުޅުމުގެ ސަބަބުން އެކަމުގެ އަސަރު ކުޅުންތެރިންނަށް ކުރާނެ. ނަމަވެސް އަހަރެމެން ވިސްނާނީ ރަނގަޅު ނަތީޖާއެއް ނެރެން." އިންމަ ބުންޏެވެ.
ހެނޯއީގެ ތަފާތަކީ އެޓީމްގައި ތިބި ބިދޭސީ ކުޅުންތެރިން ކަމަށް އިންމަ ފާހަގަކޮށްފައި ވެއެވެ. "ހެނޯއީ ގައި ވަރަށް ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް އެބަތިބި. އެ ޓީމުގެ ތަފާތަކީ އެއީ. އެހެންކަމުން އަހަރެމެން ދެން ޖެހޭނީ މެޗަށް އިސްކަންދޭން. މެޗު ފެށިގެން ޑިފެންސިވްކޮށް ކުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެޓީމްގެ ގޭމް ޕްލޭން ރޫޅާލެވޭތޯ އަހަރެމެން މަސައްކަތް ކުރާނަން." އިންމަ ބުންޏެވެ.
ފުލުހުންގެ ހައްޔަރުގައި ހުރި ރިލޭ އާއި ބެހޭގޮތުން އިންމަ ބުނީ، އެކަމާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށެވެ. "ރިލޭ އަކީ މުހިންމު ކުޅުންތެރިއެއް. އަހަރެން އެކަމާއި ބެހޭގޮތުން އެއްވެސް ކޮމެންޓެއް ކުރާކަށް ނެތިން. ރިލޭ ނެތުމަކީ ޓީމަށް ލިބުނު ދެރައެއް. ކޮންމެ ކުޅުންތެރިއަކީ ވެސް ވަރަށް މުހިންމު ކުޅުންތެރިއެއް. ރިލޭ ނެތްތަން ފޫބައްދަން ޓީމްގައި ރަނގަޅު ކުޅުންތެރިން އެބަތިބި." އިންމަ ބުންޏެވެ.
މިއަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި ހެނޯއީ އާއި ދެކޮޅަށް އަންނަ އަންގާރަ ދުވަހު ނުކުންނާނީ ރާއްޖޭ ގަޑިން ހަވީރު 15:00 ގައެވެ.