ކިޔޭވް (ފެބްރުއަރީ 23) : ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ޕާލަމެންޓާއި ރިޔާސީ އޮފީސް ހިފައި ވެރިކަމުގެ ބާރުތައް ކޮންޓްރޯލް ކުރަންފެށުމާ އެކު އެގައުމުގެ ރައީސް ވިކްޓާ ނަޔަކޮވިޗް، އަވަށްޓެރި ރަޝިޔާ އަށް ފިއްލަވަން ކުރެއްވި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މަތިންދާބޯޓެއްގައި ރަޝިޔާ އަށް ފިއްލެވުމަށް ރައީސް ވިކްޓާ ނަޔަކޮވިޗް މަސައްކަތް ނާކާމިޔާބުވެފައިވާ އިރު ސަރަހައްދީ ރޮނގު ހުރަސްކޮށް އެއްގަމު މަގުން ރަޝިޔާއަށް ވަޑައިގަތުމަށް ޔަނަކޮވިޗް ކުރެއްވި މަސައްކަތް ވެސް ސަރަހައްދީ ރޮނގު ބަލަހައްޓާ ގާޑުންވަނީ ހުއްޓުވާފަ އެވެ. ޔަނަކޮވިޗް މިހާރު ހުންނެވީ ޔުކްރޭންގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މިކަން އަދި ސާފެއް ނުވެ އެވެ.

ކިޔޭވްގެ އިސްތިގްލާލް މައިދާނަށް އެއްވެތިބި ޔުކްރޭނުގެ އިދިކޮޅު ފަރާތްތަކުން އިއްޔެ ޕާލަމެންޓް ހިފުމާގުޅިގެން ޕާލަމެންޓުން ވަނީ ރައީސް ވިކްޓަރ ޔަނަކޮވިޗް ވެރިކަމުން އަޒުލުކުރުމުގެ ކުއްލި ގަރާރެއް ފާސްކޮށްފަ އެވެ. މިގަރާރު ބުނަނީ ވެރިކަމުގެ ޒިންމާތައް އުފުލުމަށް ރައީސް ވިކްޓަރ ޔަނަކިވިޗް ނުކުޅެދި ވަޑައިގަތުމުން އޭނާ މަގާމުން ދުރުކޮށްފައިވާ ކަމަށާއި އަންނަ މޭމަހުގެ 25ގައި އަލުން ރިޔާސީ އިންތިޚާބެއް ބާއްވައިގެން އައު ރައީސަކު އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ. ވެރިރަށް ކިޔޭވްގެ އިސްތިގްލާލް މައިދާނަށް އެއްވެފައިވާ އިދިކޮޅު އެތަށް ހާސްބަޔަކު ރައީސް ޔަނަކޮވިޗްގެ ރިޔާސީ އޮފީހަށާއި ރިޔާސީ ގަނޑުވަރަށް ވަދެގެންފައިވާ އިރު މިކަންކޮށްފައި ވަނީ ސަލާމަތީ ބާރުތަކުގެ އެއްބާރުލުމާއެކުގަ އެވެ. މިއާ އެކު ޕާލަމެންޓްގެ ރައީސް ލިވޮލޮދިމިޔާ ރިބަކް ވެސް މަގާމުން ދުރުކުރުމަށް ފަހު އިދިކޮޅު ލީޑަރެއް ކަމަށްވާ އެލެގްޒެންޑަރ ތުރްޗިނޯވް ވަނީ ޕާލަމެންޓްގެ ރައީސް ކަމަށް އިންތިޚާބުކޮށްފަ އެވެ.

އިދިކޮޅު ފަރާތްތަކުން ޔުކްރޭންގެ ރިޔާސީ އޮފީހާއި ރިޔާސީ ގަނޑުވަރު އަދި ޕާލަމެންޓް ހިފުމުގެކުރިން ރައީސް ވިކްޓަރ ޔަނަކޮވިޗް ވަނީ ވެރިރަށް ކިޔޭވް އިން ފިއްލަވައިގެން ރަޝިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ރަށެއް ކަމަށްވާ ޚަރްކިޔޭވް އަށް ވަޑައިގެންފަ އެވެ. ޚަރްކިޔޭވް ގައި ހުންނަވައިގެން ދެއްވި ބަޔާނެއްގައި ރައީސް ވިކްޓަރ ޔަނަކޮވިޗް ވަނީ އޭނާއަކީ ޔުކްރޭންގެ ޝަރުޢީ އަދި އިންތިޚާބީ ރައީސް ކަމަށާ އޭނާ މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން އިއްޔެ ޕާލަމެންޓަށާއި ރިޔާސީ އޮފީސް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަކީ އިންގިލާބެއް ކަމަށްވެސް ޔަނަކޮވިޗް ސިފަކުރެއްވި އެވެ.

އަނެއްކޮޅުން ޔުކްރޭންގެ ވެރިކަމުގެ ބާރުތައް މިހާރު ކޮންޓްރޯލް ކުރަމުންގެންދާ އިދިކޮޅު ފަރާތްތަކުން ވަނީ ޖަލުގައި ހައްޔަރުކޮށްފައިވާ އިދިކޮޅު އެންމެ އިސް ޒައީމާ އަދި ކުރީގެ ބޮޑުވަޒީރު ޔޫލިޔާ ތިމޮޝިންކޯ ވެސް މިނިވަންކޮށްފަ އެވެ. ތިމޮޝިންކޯއަކީ ޔުކްރޭންގެ އޮރެންޖް ރިވޮލިއުޝަން ނާކާމިޔާބުވުމާ އެކު ކޮރަޕްޝަނުގެ މައްސަލަތަކެއްގައި 2011 ވަނައަހަރު 7 އަހަރުގެ މުއްދަތަށް ޖަލަށްލާފައިވާ ބޭފުޅެކެވެ.

މިނިވަންވުމާ ގުޅިގެން ތިމޮޝިންކޯ ވަނީ އިސްތިގްލާލް މައިދާނަށް ވަޑައިގެން އޭނާގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ފޯރިއާއި ޖޯޝުން ފުރިފައިވާ ތަގްރީރެއް ދެއްވާފަ އެވެ. ތިމޮޝިންކޯ ވިދާޅުވީ ޔުކްރޭންގެ ރައީސް ވިކްޓަރ ޔަނަކޮވިޗްގެ ޚުދުމުޚްތާރު ވެރިކަން ނިމުމަކަށް އައީ ކަމަށާއި ޔުކްރޭންގެ ރައްޔިތުންނަށް ކާމިޔާބު ލިބިއްޖެ ކަމުގަ އެވެ. އަދި އިސްތިގްލާލް މައިދާނަށް އެއްވެ ތިބި އިދިކޮޅު ފަރާތްތަކަކީ ބަތަލުންކަމަށާ އެމައިދާނުން ދުރަށްނުގޮސް ތިބުމަށް ވެސް ތިމޮޝިންކޯ އެކަމަނާގެ ސަޕޯޓަރުންނަށް އިލްތިމާސް ކުރެއްވި އެވެ. (ނޫސްއެޖެންސީތައް)