23 Feb 2014, 09:44
އިސްލާމް އާބާދު (ފެބްރުއަރީ 23) : އިސްލާމީ ޝަރީޢަތް ތަންފީޒު ކުރެވޭ ގޮތަށް ޕާކިސްތާނުގެ ސިޔާސީ ނިޒާމު ބައްޓަން ނުކޮށްފި ނަމަ އެގައުމުގައި ސުލްހަ ގާއިމް ކުރުމުގެ ފުރްސަތު ނުދޭނެކަމުގެ އިންޒާރު ތާލިބާން ޖަމާއަތުން ދީފި އެވެ.
ވަޒީރުސްތާނުގައި ތާލިބާނުންގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްކާތެރި ސަރަހައްދެއްގައި ހުންނަވައިގެން ރޮއިޓާސް އަށް ދެއްވި ބަސްދިގަތުމެއްގައި އެޖަމާއަތުގެ ތަރްޖަމާން، ޝަހީދުﷲ ޝަހީދު ވިދާޅުވީ ޕާކިސްތާނުގެ ސިޔާސީ ނިޒާމު ބިނާވެގެންދާން ޖެހޭނީ އިސްލާމީ ޝަރީޢަތުގެ މައްޗަށް ކަމަށާއި ރަސްމީ ސިފައެއްގައި ޕާކިސްތާނުގައި އިސްލާމީ ޝަރީޢަތް ތަންފީޒު ނުކުރާ ނަމަ ގައުމަށް ސުލްހަ ގެނައުމުގެ ފުރްސަތު ނުދޭނެ ކަމުގަ އެވެ.
ތާލިބާނުންނަކީ ޕާކިސްތާނުގެ ރައްޔިތުން އިންތިކާބުކޮށްފައިވާ ޝަރުޢީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފައިވާ ހަރުކަށި ޖަމާއަތެކެވެ. ތާލިބާނުން ބުނާ ގޮތުން ޕާކިސްތާނުގެ ހުރިހާ ސަރަހައްދުތަކެއްގައި ހުރިހާ ރައްޔިތުން ވެސް ޝާމިލްވާ ގޮތަށް އިސްލާމީ ޝަރީޢަތް ގާއިމްކޮށް ތަންފީޒުކުރަންޖެހެ އެވެ. ނަމަވެސް ޕާކިސްތާނުގެ އާބާދީގެ 20 އިންސައްތައަކީ ކްރިސްޓިޔަނުންނާއި ހިންދޫން ފަދަ ޣައިރު މުސްލިމުންކަމަށް ވާތީ ތާލިބާނުން އެދޭ ގޮތަށް މުޅި އާބާދީއަށް އަމާޒުކޮށްގެން އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަކީ ގައުމުގައި އިތުރު މައްސަލަތައް ފެންމަތިވެގެންދާނެ ކަމެއް ކަމަށް ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން އިސްލާމީ އުސޫލުތަކާއި ޝަރީޢަތް މާނަކުރުމުގައި ތާލިބާނުންގެ ފިކުރު އިސްލާމީ މެދުމިނުގެ ފިކުރާ މުޅިން ތަފާތުކަމަށާއި ޕާކިސްތާނުގައި އިސްލާމީ ޝަރީޢަތް ގާއިމްކުރުމަށް ތާލިބާނުން ގޮވާލަނީ އެމީހުންގެ އަމިއްލަ އެޖެންޑާއެއްގެ ދަށުން ސިޔާސީ މަގްސަދްތަކެއް ހާސިލު ކުރުމަށް ކަމަށް ވެސް ޕާކިސްތާން ސަރުކާރުން ތުހުމަތުކުރެ އެވެ.
ތާލިބާނުން ވަނީ ސަރުކާރާ އެކު ސުލްޙައިގެ ވާހަކަތައް ދައްކަމުން ގެންދަނިކޮށް ވެސް މިދިޔަ ހަފްތާގައި ކުއްލި ޙަމަލާތަކެއްދީ ޕާކިސްތާން ސިފައިންގެ 23 މީހުން މަރާލާފަ އެވެ. މިއީ ޕާކިސްތާން ސިފައިން ކުރިން ދިން ޙަމަލާއަކަށް ބަދަލުހިފުމުގެ ގޮތުންދިން ޙަމަލާއެއްކަމަށް ތާލިބާނުން ބުނެފައިވެ އެވެ. މިޙަމަލާއާ ގުޅިގެން ޕާކިސްތާން ސަރުކާރުން ވަނީ ސުލްހައިގެ ވާހަކަތައް ވަގުތީގޮތުން މެދުކަނޑާލާފަ އެވެ. ނަމަވެސް ތާލިބާނުން ބުނަނީ އެމީހުން ސަރުކާރާ ދެކޮޅަށް ހަނގުރާމަ އިއްލާންކޮށް ހަރުކަށި އަމަލުތައް ހިންގަމުން ގެންދަނީ ޕާކިސްތާނުގައި އިސްލާމީ ޝަރީޢަތް ގާއިމްކުރުމަށް ބާރުއެޅުމުގެ ގޮތުންކަމަށާއި އިސްލާމީ ޝަރީއަތް ގާއިމް ނުކުރެވޭ ނަމަ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމުގެ ފުރްސަތު ނުދޭނެ ކަމުގަ އެވެ. (ރޮއިޓާސް)