ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނަންގަވާ މުސާރައަކީ އެބޭފުޅުންގެ ޚިދުމަތާ ނުބައްދަލު އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާ އަށް ކުރިމަތިލައްވާ ޖަމީލް އުސްމާންގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ މެމްބަރުން ބޮޑު މުސާރައިގެ އިތުރުން އިނާޔަތްތައް ނަންގަވާ އިރު ދައުލަތަށް ރައްޔިތުންނަށް ބޮޑެތި ޚިދުމަތްދޭ ސިވިލްސާވަންޓުންގެ އެވްރެޖް މުސާރަ އުޅެނީ 7000 އަށް ވުރެ ދަށުގައި ކަމަށެވެ.

"އެބޭފުޅުން [މަޖިލީހުގެ މެމްބަރުން] ކުރައްވާ ޚިދުމަތާ ނުބައްދަލު ބޮޑު މުސާރައެއް. އަޅުގަނޑުމެންގެ ދައުލަތުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ ބޮޑެތި ޚިދުމަތް ދިނުމުގައި މި އުޅެނީ ސިވިލް ސާވިސް. ސިވިލްސާވިސް މީހުންގެ އެވްރެޖް މުސާރަ މިއުޅެނީ 7000ރ. އަށް ވުރެ ދަށުގައި. އެކަމަކު މިދެންނެވި ގޮތަށް 'ޒިންމާދާރު ކަމާއެކީ' މަސްއޫލިއްޔަތު އުފުލާ ރައްޔިތުންގެ މަޖިލީހުގެ މުސާރަފުޅާ އެކީ އިނާޔަތްތައް އެބަ ނަންގަވާ އައްޑިހަ އެތައް ހާސް ރުފިޔާއެއް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވާ ވާހަކަ އެމްޑީޕީން ދައްކާ އިރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވާފައި ހުރި ގޮތާ މެދު ވިސްނައި އެކަންކަމުގެމަތިން ރައްޔިތުން ހަނދާން އާކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ހިނގަމުންދާ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންތައް ހިނގައި ދިޔަ ގޮތުގެ ސަބަބުން ރައްޔިތުން ތިބީ މަޖިލީހާ މެދު ފޫހިވެފައި ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ގެއްލިފައިވާ އަބުރާއި ޝަރަފާއި ކަރާމާތް އަނބުރާ ގެންނަން ޖެހޭ ކަމަށް ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭ އިރު މަޖިލީހުން ފާސްކުރަން ޖެހޭ ކަންތައްތައް ވެސް ހުންނާނެ ކަމަށާއި އެ ކަންތައް ފާސްނުކުރެވިއްޖެ ނަމަ "މަޝްރޫއުތަކުން ރައްޔިތުން ބީވެގެންދާނެ ކަން" ހަނދާން ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހުގެ ވަސީލަތް ބޭނުންކޮށް ނޫނިއްޔާ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތަކުގައި އެންމެ ފަހު ތައްގަނޑު ޖަހާތަނަކީ ރައްޔިތުންގެ މަޖިލީސް ކަމަށް ވާތީ އެތައްގަނޑު ނުޖެހިއްޖެ ކަމަށްވަންޏާ ރައްޔިތުން މި މަޝްރޫއުތަކުން ބީވެގެންދާނެކަން އަޅުގަނޑުމެން ހަނދާނަށް އަންނަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވާ ވާހަކަ ބައެއް މެމްބަރުން ވިދާޅުވާ އިރު މަޖިލީހަކީ ބޮޑެތި ކުށްތައް ކުރެއްވުމަށް ފަހު ފިއްލަވަން ވަންނަ ތަނަކަށް ހަދަން ސަރުކާރު ކޯލިޝަނުން ބޭނުންނުވާ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނާ ޚިލާފު ބޮޑެތި ކަންތައް ކޮށްފައިތިބި ފަރާތްތަކުން މަޖިލީހުގެ މެމްބަރުކަން ހޯދަން އުޅުމަކީ ރައްޔިތުން އެދޭ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ބޮޑެތި ކުށްތައް ކުރައްވާފައި ތިއްބެވި ބޭފުޅުން، ގާނޫނާ ޚިލާފަށް ބޮޑެތި ކަންތައް ހިންގަވާފައި ތިއްބެވި ބޭފުޅުންނަށް ހިމާޔަތް ލިބިވަޑައިގަތުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ހޯއްދަވަން އުޅުއްވުމަކީ ދިވެހި ރައްޔިތުން އެދޭނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ދައުލަތުގެ އެކި މުއައްސަސާތަކާ ހަވާލުކުރެވިފައިވާ ޒިންމާތައް އަދާނުކުރެވުމުން "ގައުމަށް އަންނަ ތަރައްގީ ނައިސް ދާތަން" ފެންނަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި ކުރީގެ ދެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ބައިވެރިވެވަޑައިގަތެވެ.