23 Feb 2014, 02:24
ސަރުކާރަށް މާދަމާ 100 ދުވަސް ފުރޭއިރު، ހުސްނުވާ އާސަންދަ މާދަމާ އިފްތިތާހް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިރުފުށި އައިލެންޑް ރިސޯޓްގައި "ސަން"އަށް އިއްޔެ ދެއްވި އިންޓަވިއުގައި ރައީސް ޔާމިން ވިދާޅުވީ ހުސްނުވާ އާސަންދަ މުޅި ރާއްޖެ އަށް އިފްތިތާހް ކުރުމަށް ބާއްވާ ހަފްލާ އޮންނާނީ ސަރުކާރަށް 100 ދުވަސް ހަމަވާ ދުވަހު، އަންނަ ހޯމަ ދުވަހު ކަމަށާއި އެ ދުވަހު ހުސްނުވާ އާސަންދަ އާ ބެހޭ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން އެންމެ ވަރުގަދައަށް [ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި] ދެއްކި ވާހަކަތަކުގެ ތެރޭގައި މި އަންނަނީ ސިއްހީ ދާއިރާގެ ގުޅުން ހުރި ވާހަކައެއް. އިރާދަކުރެއްވިޔާ 100 ދުވަސް ހަމަވާ ދުވަހު ހުސްނުވާ އާސަންދަ ލޯންޗް ކުރާނެ. މީގެ ވަރަށް ގިނަ ސުވާލުތަކެއްގެ ޖަވާބު އެއިން ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހަމަ ޖައްސައިދޭނެ ކަމަށް ވެފައިވާ ވައުދުގެ ތެރެއިން އާންމު ބަލިތަކުގެ ޑޮކްޓަރުން ކޮންމެ އާއިލާއަކަށް ބެހެއްޓުމުގެ މަސައްކަތް ހަތަރު ރަށެއްގައި ދާދި އަވަހަށް ފައްޓަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހުސްނުވާ އާސަންދަ ރާއްޖޭގެ ހުރިހާ ރައްޔިތުނަށް މި ސަރުކާރުގައި ދޭން ފެށުމަށާއި ކޮންމެ އާއިލާއަށް ޑޮކްޓަރަކު ހަމަޖައްސަދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައި ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެވެ.
މި ސަރުކާރާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ކެމްޕެއިން ތެރޭގައި ވެފައިވާ ބޮޑެތި ހުރިހާ ވައުދުތައް ފުއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ބެޔަސް ނުބެޔަސް މަސްވެރިނަށް ލިބޭ އިނާޔަތްތައް ދިނުމަށް މަސްވެރިން ރަސްޖިސްޓްރީ ކުރުމުގެ މަސައްކަތްކުރަމުންދާ ކަމުގައި ވިދާޅުވި އެވެ. ތައުލީމީ ދާއިރާއާއި ގުޅޭ ގޮތުން ވެފައިވާ ވައުދުތަކާއި ގުޅޭ އާ ކަންތައްތަކެއް ދާދި އަވަށް އިއުލާން ކުރެވިގެންދާނެ ކަމަށް ރައީށް ވިދާޅުވި އެވެ.
"އެހެންވީމަ ވައުދުތަކުގެ ތެރެއިން ރައްޔިތުނަށް އެންމެ މުހިންމުވާނެ ކަންތައްތަކުގެ ތެރޭގައި ދައްކާފައި ހުރިހާ ވާހަކައެއްގެ މަސައްކަތްވެސް ހުންނާނީ ފެއްޓިފައި،" ރައީސް ވިދާޅުވި އެވެ.