މާލޭގައި ތިބި ބަޔަކު ރަށްރަށުގެ ތަރައްގީ ހޯދައެއް ނުދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ އަށް ކުރިމަތިލައްވާފައިވާ އަހުމަދު ނާޝީދު (އޭޑީކޭ ނާޝިދު)ގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި އެވުމެއްގަ އެވެ.

"... އެއްވެސް ބޭފުޅަކު ދެކެވަޑައިގަންނަވާނެކަމެއް ނެތް މާލޭގައި ތިބި ބަޔަކު ކޮމަންޑޫ އަށް ގޮސް، މަރޮށްޓަށް ގޮސް، ފީވަކަށް ގޮސް، ފޯކައިދޫ އަށް ގޮސް އަދި ރާއްޖޭގެ އެހެން އެއްވެސް ރަށަކަށް ގޮސް އެ ރަށްރަށުގެ ތަރައްގީއެއް ހޯދައެއް ނުދޭނެ. ނުވެސް ދެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރަށްރަށް ތަރައްގީ ކުރެވޭނީ އެރަށްރަށުގެ ކައުންސިލްތައް ވަރުގަދަކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ ރަށްތައް ތަރައްގީ ކުރުމަށް ޓަކައި ކޮންމެ ރަށަކަށް އާމްދަނީ ލިބޭނެ ފަޅުރަށެއް އޮންނަން ޖެހޭ ކަމަށެވެ. އެގޮތުން ރަށްރަށަށް ބޭނުންވާ ހިދުމަތްތައް ރަށު ކައުންސިލްތަކުން ދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"...އަޅުގަނޑުމެން އެދޭ ގޮތަކީ ކޮންމެ ކައުންސިލަކަށް ފަޅުރަށެއް އޮތުން. އެފަޅުރަށެއްގެ ޒަރިއްޔާއިން ކައުންސިލްގެ އާމްދަނީ އިތުރުވެގެން ދިއުން. ކައުންސިލަށް އެރަށްރަށުގެ ތަރައްގީއާއި ރަށްރަށުގެ ރައްޔިތުންގެ ހިދުމަތްތައް ފޯރުކޮށްދެވޭނެ، " ނަޝީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރަށްރަށުގެ ފެނާއި ނަރުދަމާ ވެސް ގާއިމްކުރެވޭނީ އެރަށްރަށުގެ ރައްޔިތުންނަށް ކަމަށެވެ. އެމްޑީޕީގެ އަމާޒަކީ ކައުންސިލްތަކުގެ ބާރުގަދަކޮށް، އެކައުންސިލްތަކަށް އާމްދަނީ ލިބޭ ގޮތަށް ގާނޫނުތައް ފާސްކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

" ... އަޅުގަނޑުމެންގެ އަމާޒަކީ ކައުންސިލުގެ ބާރު ގަދަކުރުން އަދި ކައުންސިލަށް އާމްދަނީ އިތުރުވާނޭ ގާނޫނުތައް ރައްޔިތުންގެ މަޖިލީހުގައި ފާސްކޮށްގެން ގެންދިއުން، ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމާ ބެހޭ ގޮތުން ނަޝީދު ދައްކަވާ ވާހަކަފުޅު މިރޭ ވެސް ތަކުރާރުކުރެއްވި އެވެ. ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް މިވަގުތު އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ ޝަރުއީ ނިޒާމު ތަޣައްޔަރުވެފައި އޮތުން ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއާ ވާދަވެރި އެއްވެސް ސިޔާސީ ޕާޓީއަކުން ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ވާހަކަ ނުދައްކާނެ ކަމަށެވެ.

މިރޭގެ އެއްވުމުގައި އޭޑީކޭ ނާޝިދު ވަނީ އޭނާ ހުޅުއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ އިސްލާމިކް ރިޒޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަވައި، އެހެން ރިޒޯޓް އޯނަރުންނަށް ފާޑުވިދާޅުވެފަ އެވެ. ވިދާޅުވީ އިސްލާމީ ޓޫރިޒަމް ރާއްޖޭގައި ހިންގޭނެ ކަމަށާއި ޓޫރިސްޓުން ރާއްޖެ އަންނަނީ ރާބޯކަށް ނޫން ކަމަށެވެ.

"... ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން އެބަވިދާޅުވޭ ތިޔަކަމެއް ނުވާނޭ. ދަންނަވަންތޯ އެކަން ވާނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެ އަށް އަންނަ މީހުން އަންނަނީ ރާބޯކަށް ނޫން. އަޅުގަނޑުމެން ކަންނެލި މަސްފޮއްޗެއް، ހިބަރުމަސްފޮއްޗެއް ތެލުލާފައި ދިނީމައި، އޫރު މަސްފޮއްޗަކަށް އަލުން އޯޑަރެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.