އެގާރަ މީހުންނާ އެކު މަހަށް ނުކުތް ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނީ ފްރެޝް ފްރޮމް ދަ ސީ މޯލްޑިވްސް ޕްރައިވެޓް ލިމްޓެޑުގެ "ފްރެޝް ފްރޮމް ދަ ސީ 03" ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި މާލެ އަތޮޅު ދިއްފުށީ މަސްވެރިންތަކަކަށް އެ ދޯނި އެ ދުވަހު ފެނިފައި ވަނީ ދިއްފުށީގެ އިރުން 66 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

ނަމަވެސް އެ ދޯންޏަކީ ކޮން ރަށަކުން މަހަށް ނުކުތް ދޯންޏެއް ކަމެއް އެމްއެންޑީއެފަކުން ނުބުނެ އެވެ. އެމްއެންޑީއެފުން ބުނީ އެ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯންންޏަކީ ދިގުމިނުގައި 85 ފޫޓު ހުންނަ ހުދު ކުލައިގެ ދަވާދު ލާފައިވާ އަދި ބާރިފަށުގައި ނޫ ކުލައިގެ ދަވާދު ލާފައިވާ ދޯންޏެއް ކަމަށެވެ.

އެ ދޯންޏާ ބެހޭ މަޢުލޫމާތެއް ލިބުނު ފަރާތަކުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަންބަރު 191 އަށް އެންގުމަށް ވެސް އެމްއެންޑީއެފުން އެދެ އެވެ.