19 Dec 2010, 04:33
އީރާނުގެ ޚާރިޖީ ވަޒީރުކަމުގެ ޤާއިމް މަޤާމުގައި ހުންނެވި ޑޮކްޓަރ ޢަލީ އަކްބަރު ސާލިޙީ ރަސްމީ ސިފައެއްގައި ޚާރިޖީ ވަޒީރުކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންފި އެވެ. ރައީސް އަޙްމަދީ ނެޖާދް މިދިޔަ ހަފްތާގައިވަނީ އީރާނުގެ ޚާރިޖީ ވަޒީރު ކަމުގެ މަޤާމްގައި ކުރިން ހުންނެވި މަނޫ ޝަހެރު މުއްތަކީ އެމަޤާމުން ވަކިކުރެއްވުމަށްފަހު ޑޮކްޓަރ ސާލިހީ އާ ޚާރިޖީ ވުޒާރާ ހިންގުން ހަވާލުކުރައްވާފަ އެވެ. ފިޒިކްސްގެ ޢިލްމުގެ ޕްރޮފެސަރެއް ކަމަށްވާ ޑޮކްޓަރ ސާލިޙީ އީރާނުގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމުގެ ހުވާކުރައްވައި ރަސްމީގޮތުން މަޤާމާ ޙަވާލުވެވަޑައިގަތުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އަވަށްޓެރި ޤައުމުތަކާއެކު އީރާނުގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް އޭނާގެ ޚާރިޖީ ވަޒީރުކަމުގައި އިސްކަން ދެއްވާނެ ކަމުގަ އެވެ. ޚާއްސަކޮށް ސަޢޫދީ އަރަބިޔާއަކީ ކަޢްބަތުﷲ ގެފުޅާއި އެނޫންވެސް މުސްލިމުންގެ މުޤައްދަސް ބިންތައްހުރި ޤައުމުކަމަށްވާތީ ސަޢޫދީ އާއެކު ބަދަހި ގުޅުންތައް އިތުރަށް ބަދަހިކުރަން އީރާން އެދޭކަމަށް އޭނާ ވިދާޅުވި އެވެ. ސަޢޫދީ އަރަބިޔާއަކީ އިޤްތިސާދީ ގޮތުންވެސް އިސްލާމީ ދުނިޔޭގައި ބުރަދަން ހުރި ޤައުމަކަމަށް ސިފަކުރައްވަމުން އެޤައުމާއެކު ބައްވާގުޅުންތައް މިހާރަށްވުރެ ހަރުދަނާކުރަން އީރާން ބޭނުންވާ ކަމަށް އީރާނުގެ އާ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.