ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ހަތް މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓަށް ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ނެރެފައިވާ އަމުރުތަކާ ގުޅިގެން ހޯދަމުން ދަނީ ގދ. ފިޔޯރީ ކެކުރި އާޒިމް ހަބީބް،29، އާއި ލ. ގަން މަތިމަރަދޫ، ބުލްބުލާގެ މުހައްމަދު ނޫރައްދީން،31، އާއި ޅ. ހިންނަވަރު ވިދުވަރު އަބްދުލް ހަމީދު މުހައްމަދުދީދީ،39، އާއި ސ. ހިތަދޫ ހުނގޫގަސްދޮށުގޭ ޝާން މުހައްމަދު އިބްރާހިމް،26 އާއި ތ. ގުރައިދޫ ފަލްކަން އިބްރާހިމް އާޒިދު،26، އާއި ސ. މަރަފޫފޭދޫ، ސަންލައިޓް މުހައްމަދު މަފްތީހް،40، ގެ އިތުރުން ސ. ހިތަދޫ ލާސާނާ، ހަސަން ހަނީފް،20، ކަމަށެވެ.

މި މީހުންގެ ތެރެއިން އާޒިމް އާއި ޝާން އަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަންޖެހޭ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.

ނޫރައްދީން އަކީ ޑްރަގް ކޯޓަށް ފިލާފާނެ މީހެއްކަމަށް އެކޯޓަށް ގަބޫލުކުރެވޭތީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށާއި އަބްދުލް ހަމީދަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ނުކުރެވިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުންގެ ތެރެއިން އާޒިދު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެމީހުންގެ ތެރެއިން މަފްތޫހު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަކަރާއި ހީލަތްހެދުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ކަމަށާއި ހަނީފު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މާރާމާރީ ހިންގުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓަލައިން 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.