22 Feb 2014, 18:49
ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައެއް ބެލުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އަދި ގައުމީ ޓީމުގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) ހައްޔަރުކޮށްފި އެވެ.
މިދިޔަ މަހުގެ މެދުތެރޭގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދޫކޮށްލުމުން މާޒިޔާ އާއި ގުޅުނު ރިލޭ ފުލުސް އޮފީހަށް ހާޒިރުކުރިކަން ސަން އަށް ވަނީ ކަށަވަރުވެފަ އެވެ. ރިލޭ ފުލުސް އޮފީހަށް ހާޒިރުކުރީ ރިލޭ ކައިވެނިކުރަން އުޅޭ އަންހެން ކުއްޖާ ހުށަހެޅި މައްސަލައެއްގަ އެވެ.
މިކަމާއި ބެހޭ ގޮތުން ފުލުހުންނަށް ގުޅާލުމުން މައްސަލަ ބަލަމުންދާތީ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެއް ނުވެއެވެ.
"އެއީ ވަކި ކޮން ބޭފުޅެއް ކަމެއް އަޅުގަނޑުމެންނަށް ދެންނެވޭކަށް ނެތް. އަޅުގަނޑުމެންނަށް މިހާރު ދެވެން އޮތް މަޢުލޫމާތަކީ އެއީ 23 އަހަރުގެ ޒުވާނެއްކަން. އެ ޒުވާނާ ހައްޔަރުކުރީ ކޮންތާކުން، ކޮން ވަގުތެއްގައި ކަން ވެސް މިވަގުތު ދެންނެވޭކަށް ނެތް." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭއެފްސީ ކަޕްގައި މިމަހު 25 ވަނަ ދުވަހު ހެނޯއީ ޓީއެންޓީ އާއި ދެކޮޅަށް ކުޅޭ މެޗު ކުޅުމަށް މިރޭ ވިއެޓްނާމަށް މާޒިޔާ ފުރުމަށް ހަމަޖެހިފައިވާއިރު، ރިލޭ ނުލައި ފުރަން އެކްލަބަށް މަޖުބޫރުވެދާނެ އެވެ. މިކަމާއި ބެހޭގޮތުން މާޒިޔާގެ ބަހެއް ސަންއަށް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ވިކްޓަރީ ސްޕޯޓްސް އަށް ކުޅުމަށްފަހު 2012 ވަނަ އަހަރު ނިއުއާއި ގުޅުނު ރިލޭ، އެކްލަބުން ވަކިކުރީ ނިއުގެ ފަރިތަކުރުމެއް ކުރިއަށް ދިޔަ ވަގުތު ނިއުގެ ކެޕްޓަން އަދި ގޯލް ކީޕަރު އިމްރާން މުހައްމަދު (އިންމަ) އާއި ދެމެދު ހިނގި ހިތްހަމަ ނުޖެހުމެއްގެ ތެރޭގައި ހަޑިހުތުރު ބަހުން މުއާމަލާތު ކުރުމުންނެވެ. އޭގެ އިތުރުން ނިއުއިން ވަނީ މިދިޔަ އަހަރު މޭ މަހުގައި ވެސް ރިލޭއާ ދޭތެރޭގައި އަހްލާގީ މައްސަލައެއްގައި ފިޔަވަޅު އަޅައިފަ އެވެ.