މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ އެންމެ ފަހުގެ ޔޫރަޕް ޗެމްޕިއަން ބަޔާން މިއުނިކްގެ ފަރާތުން ދެން ފެންނާނީ ވަރުގަދަ ކުޅުމެއް ކަމުގައި އެކްލަބުގެ ސްޕެއިން ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބަޔާން އަށް ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމަށް ފަހު، ގާޑިއޯލާ މިހާރު މަސައްކަތް ކުރަމުން ދަނީ މިދިޔަ ސީޒަންގައި އެކްލަބުން ހޯދި ފަދަ ކާމިޔާބެއް ހޯދައި ދިނުމަށެވެ. ޔުޕް ހެންކޭސްގެ ކޯޗުކަމުގެ ދަށުން މިދިޔަ ސީޒަންގައި އެކްލަބުން ވަނީ ޗެމްޕިއަންސް ލީގުގެ އިތުރުން ޖަރުމަން ބުންޑަސްލީގާ އަދި ޖަރުމަން ކަޕް ކާމިޔާބުކޮށްފަ އެވެ.

"އަހަރެމެންގެ މޮޅު ކުޅުން އިތުރަށް ވަރުގަދަ ކުރެވިދާނެ. އަދި ދެން ފެންނާނީ ވެސް އެކުޅުން." ބަޔާންގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުންޏެވެ. "ކޮންމެ ދުވަހަކު ވެސް ކުޅުންތެރިން ދަސްކުރަމުންދަނީ އިތުރު ހިޔާލުތަކާއި އިތުރު ގޮތްތައް. އަހަރެމެން ވާހަކަ ދައްކަނީ ރަނގަޅަށް ކުރެވޭ ކަންތަކަކާއި ގޯސްކޮށް ކުރެވޭ ކަންތައްތައް."

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި އާސެނަލް އާއި ދެކޮޅަށް ކުޅެ 2-0 ލަނޑުން މޮޅުވި މެޗަށް ފަހު، އަރާމްކުރުމަށް ލިބުނު ކުޑަ ދުވަސްކޮޅާއި ބެހޭގޮތުން ވެސް ގާޑިއޯލާ ވާހަކަ ދައްކާފައިވެ އެވެ. ނަމަވެސް ޓީމުން މަސައްކަތްކުރާނީ މެއި 24 ވަނަ ދުވަހު ލިސްބަންގައި ޗެމްޕިއަންސް ލީގު ޓްރޮފީ ހިތްލާލުމަށް ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެ އެވެ.