ވިލާ ކޮލެޖާއި މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީ (އޯޔޫއެމް) އާއި ގުޅިގެން ހިންގާ ޑިގްރީ ޕްރޮގްރާމްތަކުން 145 ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ އެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގައި ޑިގްރީ ހާސިލްކުރި ދަރިވަރުންނަށް ދަސްވެނިމުނު ކަމުގެ ސަނަދު ހަވާލު ކޮށްދެއްވީ އޯޕަން ޔުނިވަސިޓީ މެލޭޝިޔާގެ ޗާންސެލާ ތުން ޖިން އަބްދުﷲ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖާއި މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީ ގުޅިގެން ހިންގި ތިން ޑިގްރީ ޕްރޮގްރާމުން 65 ކުއްޖަކު މާސްޓާސް ޑިގްރީ އަށް ކިޔަވައިގެން ގްރެޖުއޭޓް ވެފައިވާ އިރު 80 ކުއްޖަކު ވަނީ ބެޗްލާސް ޑިގްރީއަށް ކިޔަވައިގެން ގްރެޖްއޭޓްވެފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހްމަދު އަންވަރު ވިދާޅުވީ ވިލާ ކޮލެޖަކީ ރާއްޖޭގައި އެންމެ މަތީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާ ހަމައެކަނި ކޮލެޖް ކަމަށާއި އެގޮތުން އެ ކޮލެޖުން ގްރެޖުއޭޓްވާ ކުދިންގެ 35 ޕަސެންޓަކީ މާސްޓާސް ޕްރޮގްރާމް ކިޔަވައިގެން ނުކުންނަ ކުދިން ކަން ފާހަގަކުރެއްވި އެވެ.

އަންވަރު ވިދާޅުވީ ވިލާ ކޮލެޖުން ރިސާޗް ސްޓަޑީޒް އަބަދުވެސް ތަރައްގީ ކުރަމުން އަންނަ ކަމަށާއި އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސާޗު ސްޓަޑީޒް އިން މާސްޓާސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު މިހާރު ވިލާ ކޮލެޖުން ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވިލާ ކޮލެޖްގެ ހަތް ކެމްޕަހެއް މިހާރު ހުޅުވިފައިވާ އިރު ރާއްޖޭން ބޭރުގައި ވެސް އެ ކޮލެޖްގެ ކެމްޕަހެއް ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ކުރިއަށް އޮތްތާގައި އިތުރު ރަށްތަކެއްގައި ވިލާ ކޮލެޖްގެ ކެމްޕަސްތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ހެދުމަށް ޓަކައި ކުރެވުނު މަސައްކަތުން މިހާރު ވިލާ ކޮލެޖަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކޮލެޖެއް ކަމަށް ފާހަގަކުރައްވާ އަންވަރު ވިދާޅުވީ ސަރުކާރުން އެ ކޮލެޖް ޔުނިވާސިޓީ އަކަށް ބަދަލުކޮށްދެއްވުމަކީ ބޮޑު އަމާޒެއް ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖުގެ ފައުންޑާ ގާސިމް އިބްރާހިމް ވިދާޅުވީ ތައުލީމީ ޒުވާނުންނަކީ ކޮންމެ ގައުމެއްގެ ވެސް ކުރިމަގު ކަމަށާއި އެއީ މާދަމާގެ ލީޑަރު އަދި ބެލެނިވެރިން ކަމަށެވެ. އަދި ވިލާ ކޮލެޖުން ވުޖޫދަށް އައުމުގެ ކުރިން ޒުވާނުން ތިބީ މަތީ ތައުލީމު ލިބުމުގެ އުއްމީދު ކަނޑާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ވިލާ ކޮލެޖްގެ ފަރާތުން އަތޮޅުތަކުގައި ހުޅުވި ކެމެޕްސްތަކުގެ ސަބަބުން އެތަންތަނުން ކިޔަވައިގެން ނުކުމެ ރަށަށާއި އަތޮޅަށް ދައިދާ ކޮށްދެމުންދާ ކަމަށާއި އެފަދަ ތައުލީމީ ނިޒާމެއް، ރާއްޖެ ފަދަ ރަށްތައް ވަކިން އޮންނަ ގައުމަކަށް ވަރަށް މުހިއްމު ކަމަށެވެ.

ވިލާ ކޮލެޖުން މިއަދު ގްރެޖުއޭޓްވި ކުދިން އެ ކޮލެޖްއިން ދަސްވި އެއްޗެއްގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށާއި ރާއްޖޭގެ ހަމަހަމަ ކަމަށާއި ތަރައްގީ އަށް މަސައްކަތް ކުރުމަށް ވެސް މިއަދުގެ ރަސްމިއްޔާތުގައި ގާސިމް ގޮވާލެއްވި އެވެ. އަދި ރާއްޖޭގެ ކުރިއެރުމަށް ތިމާއަށް ކޮށްދެވޭނެ ކަންތައްތަކަށް ވިސްނުމަށް ވެސް ގާސިމް އެދިވަޑައިގަތެވެ.

އޯޕަން ޔުނިވަސިޓީ މެލޭޝިޔާގެ ކޯސްތައް 2008 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖްގައި ހިންގަން ވަނީ ފަށާފަ އެވެ.