22 Feb 2014, 15:04
ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ މެދުގައި ކުރިއަށްދާ ޕޮލިސް ކްލަބް އިންޓަ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތް އިއްޔެ ފަށައިފި އެވެ.
މާފަންނު ސްޓޭޑިއަމްގެ މިނީ ދަނޑުގައި ކުރިއަށްދާ މި މުބާރާތް ފައްޓަވައި ދެއްވީ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން އާދަމް އެވެ.
މި މުބާރާތުގައި އިއްޔެ ހަވީރާއި ރޭގަނޑު 6 މެޗެއް ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ވާދަކޮށްފައި ވަނީ ކުލަބު އެޗް އާރު އާއި އެފްސީ 119 އެވެ. މިމެޗު 4-0 ލަނޑުން ކާމިޔާބުކޮށްފައި ވަނީ ކުލަބު އެޗްއާރެވެ. ކްލަބު އެޗްއާރުން ޖެހި ލަނޑުތަކުގެ ތެރެއިން ދެ ލަނޑު އިލްޔާސް މުޙައްމަދު ކާމިޔާބުކޮށްދިން އިރު އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ ސާމީ އާއި ޙުސައިން ޝަރީފެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ކްލަބު އެޗްއާރަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިލްޔާސް މުޙައްމަދެވެ.
އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗުގައި އެފްސީ އެފްއީވީ ވާދަކޮށް 5-0 ލަނޑުން މެޗު ކާމިޔާބުކުރީ އެސްއެފްޔޫ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ އެސްއެފްޔޫގެ ޢަލީ ފަހުމީ އެވެ.
މިމުބާރާތުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި އައިޑީ ކްލަބާއި އެންޓި ޑްރަގް ވާދަކުރި މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗުގައި އައިޑީ ކުލަބަށް ލަނޑު ޖަހައިދީފައި ވަނީ ޢަބްދުލްމުހައިމިން އެވެ. އަދި އެންޓި ޑްރަގްއަށް ކަނޑު ޖަހައިދީފައިވަނީ ޢަބަދުލް ބާސިތު އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ އެންޓި ޑްރަގްގެ ޙުސައިން ސުޖާޢު އެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި އައިސީޑީ ޕްރޯ އާއި ވާދަކޮށް 2-1 ލަނޑުން ހުޅުމާލެ ޕޮލިސް ކާމިޔާބުކުރި އިރު ރޭ ކުޅުނު ތިންވަނަ މެޗުގައި ޓީމް ޝިއަރާ އާއި ވާދަކޮށް 7-0 ން މެޗު ކާމިޔާބުކޮށްފައި ވަނީ ކްލަބް އީއެމްއީޑީ އެވެ.
ރޭ ކުޅުނު ފަހު މެޗުގައި ފޮރެންސިކް ފްރެންޑްސް އާއި ޑީއީޑީ އައިއޯސް ވާދަކުރި މެޗު 3-3 ލަނޑުން އެއްވަރުވެގެން ނިމުނު އިރު މިމެޗުގައި ފޮރެންސިކް ފްރެންޑްސްއަށް ލަނޑުތައް ޖަހައިދީފައި ވަނީ އަޙްމަދު ސިރާޖް އާއި އިބްރާހިމް ރަމީޒްއާއި މުޙައްމަދު ނިއުޝާދު އެވެ. ޑީއީޑީ އައިއޯސްއަށް ލަނޑުތައް ޖަހައިދީފައި ވަނީ ޙުސައިން މަފާޒް އާއި އިބްރާހިމް ޝަރާން އާއި އިސްމާއިލް އާމިރު އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ ފޮރެންސިކް ފްރެންޑްސްގެ އިބްރާހިމް ރަމީޒް އެވެ.
މި މުބާރާތުގައި މިއަދާއި މިރޭ ވެސް 6 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު ހަވީރު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު މިއަދު ހަވީރު 16:00 ގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ އެސްއޯގެ ގޮލްފް އާއި އެސްއޯގެ ޕިންކް ޕާޕާ އެވެ. އަދި ހަވީރު 17:00ގައި ކުޅޭ މެޗުގައި ވާދަކުރާނީ އެފްސީ ބަރަކޫޑާ އާއި ސީގަލް އެވެ.
މިރޭ ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު މިރޭ 20:00ގައި ފެށުމަށް ހަމަޖެހިފައިވާ ގްރޫޕް އީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ސްޕެޝަލް ކޮންސްޓަބްލަރީގެ ޓީމާއި ސުޕަރ ސަޕްރައިޒް އެވެ. އަދި މިރޭ 21:00ގައި ގްރޫޕް އީގެ ދަވަނަ މެޗުގައި މާލެ ކަސްޓޯޑިއަލް އާއި ޓްރެފިކް ޕޮލިސް ވާދަކުރާ އިރު ގްރޫޕް އެފްގައި މިރޭ 22:00ގައި އެސްއޯ ބްލެކް ބްލަޑް އާއި ސީޓީ ފްރެންޑްސް ވާދަކުރާނެ އެވެ. މިރޭގެ ފަހު މެޗުގައި ގްރޫޕް އެފްގެ ޓީމް އެސްއޯސީޑީ އާއި ޓީމް ޕީއޭޑީ ވާދަކުރާ އިރު މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 23:00 ގަ އެވެ.