ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ތިން މެޗުގެ ސަސްޕެންޝަނެއްގައި ހުރި ނަމަވެސް އެލްޗޭ އާއި ދެކޮޅަށް މިއަދު ނުކުންނަ މެޗުގެ ސްކޮޑްގައި ރޮނާލްޑޯ ހިމަނައިފި އެވެ.

ރޮނާލްޑޯ އަށް ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހުނީ އެތްލެޓިކޯ ބިލްބާއޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ކާލޮސް ޖާޕެގުއީ އާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ދެއްކި ރަތް ކާޑަކާއި ގުޅިގެންނެވެ. ނަމަވެސް ރެއާލްގެ ކޯޗު އެންޗެލޮޓީ ބުނަމުންދަނީ، ރޮނާލްޑޯ އާއި މެދު ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމުގަ އެވެ.

ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް ރެއާލް އިން ހުށަހެޅި ނަމަވެސް އެފްއޭ އިން އެކަން ބަލައިގަނެފައެއް ނުވެއެވެ. އެފްއޭ އިން ބަލައިނުގަތް ނަމަވެސް މިހާރު ރެއާލް އިން އެ މައްސަލަ ސްޕެނިޝް ސްޕޯޓްސް ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހަޅާފަ އެވެ. މިއަދު ކުޅޭ މެޗުގެ ކުރިން މައްސަލަ ވަކި ގޮތަކަށް ނިމޭނެ ކަމަށް ރެއާލްގެ ކޯޗު އެންޗެލޮޓީ އުންމީދުކުރެ އެވެ.

"އަހަރެމެން މި އިންތިޒާރުކުރަނީ ކޮމިޓީގެ ނިންމުމަށް. އަހަރެން އުންމީދުކުރަން ޓީމާއި ބައްދަލުކުރުމުގެ ކުރިން ކޮމިޓީގެ ނިންމުން ނިންމާނެ ކަމަށް. ރޮނާލްޑޯ އަށް މެޗުގައި ބައިވެރިވޭނެ ކަމަށް އަހަރެން އުންމީދުކުރަން." އެންޗެލޮޓީ ބުންޏެވެ. "ރޮނާލްޑޯ އަށް ތިން މެޗުގެ ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް އަހަރެން ގަބޫލެއްނުކުރަން."

ތިން މެޗުގެ ސަސްޕެންޝަނެއް އައުމުން ރޮނާލްޑޯ އަށް ވަނީ ގެޓަފޭ އަދި ވިޔަރެއާލް އާއި ދެކޮޅަށް ރެއާލް ކުޅުނު މެޗުތައް ގެއްލިފަ އެވެ. ނަމަވެސް ސްޕެނިޝް ލަލީގާގައި ރެއާލް އަދިވެސް އޮތީ ބާސެލޯނާ އަދި އެތްލެޓިކޯ މެޑްރިޑާއި އެކުގައި ލީގުގެ ކުރީގަ އެވެ. ތިން ޓީމަށް ވެސް ލިބިފައި ވަނީ 60 ޕޮއިންޓެވެ.