22 Feb 2014, 14:04
ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ހިދުމަތްކުރަން އޮތް ތަނެއް ކަމަށާއި އެކަން ކުރުމަށް މިހާރުގެ މަޖިލީހަށް އެކަށީގެންވާ އެދެވޭ ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ވެލިދޫ ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީއޭގެ ކެންޑިޑޭޓުގެ ކެމްޕޭން ލޯންޗް ކުރުމަށް މިއަދު ވެލިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެކަށީގެންވާ ބަދަލެއް ގެނެސް މަޖިލީހަކީ "އަބުރުވެރި" މަޖިލީހަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށެވެ.
"މަޖިލީހަކީ ރައްޔިތުންނަށް ހިދުމަތް ދޭން އޮތްތަނެއް. އެހެންވީމާ މަޖިލީހަށް އެކަށީގެންވާ ބަދަލެއް ގެނެސް ރައްޔިތުންގެ މަޖިލީހަކީ އަބުރުވެރި މަޖިލީހަކަށް ހަދަން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މަޖިލީހަކީ ސަރުކާރުގެ މަސައްކަތްތަކާއި ބިލްތައް ހުއްޓުވަން މަސައްކަތް ކުރާ ތަނެއް ނޫން ކަމަށާއި ނަމަވެސް ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބައެއް ކަންކަމުގައި ޒިންމާދާރުކަމާ އެކީ މަސައްކަތް ކުރާތަން ބައެއް ފަހަރު ނުފެންނަ ކަމަށެވެ.
"އެބައެއްގެ އާންމު އުސޫލަކީ ރައްޔިތުންނަށް ފައިދާވާ ފަދަ ކަންކަން ހުއްޓުވުން ކަމަށް ވަންޏާ އެއީ އަދި ޒިންމާދާރުކަމާ އެކީ މަސައްކަތް ކުރެވެނީއެއް ނޫން." ޔާމީން ވިދާޅުވި އެވެ.
މި ސަރުކާރަކީ ބޮޑަތި ވައުދުތަކަކާ އެކު އައިސް އޮތް ސަރުކާރަކަށް ވުމުން އެ ވައުދުތައް ފުއްދައިދަވައި ދެއްވާނެ ކަމަށާއި އެކަން ކުރެއްވުމަށް ބޭނުންވާ "އެންމެ ފަހުގެ ތައްގަނޑު ޖަހާތަނަކީ މަޖިލިސް" ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހަމައެކަނި ރައީސަކު ހޮވުމުން ނުފުދޭ ކަމަށާއި ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ސަރުކާރަށް އެއްބާރުލުންދޭ އިހްލާސްތެރި މަޖިލީހެއް ހޮވުން މުހިންމު ކަމަށް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ދެކިވަޑައިގަތުމަށް ބޭނުންފުޅު ވަނީ ރައްޔިތުންނަށް "އިހްލާސްތެރިކަމާ އެކު ހިދުމަތްކުރާނެ މަޖިލީހެއް" ކަމަށާއި މިހާރު އޮތް މަޖިލީސް އޮވެގެން ރައްޔިތުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.