22 Feb 2014, 13:46
އަންނަ އަހަރު އެމެރިކާގެ ސްޓޭމްޕްތަކުގައި ހިމެނިދާނެ މީހުންގެ ތެރޭގައި 2011 ވަނަ އަހަރު މަރުވި މަޝްހޫރު އެޕަލް ކުންފުނީގެ ކޯ ފައުންޑަރު ސްޓީވް ޖޮބްސްގެ ނަން ހިމެނިއްޖެ އެވެ.
ވޮޝިންޓަން ޕޯސްޓުން ނެރުނު އެމެރިކާގެ ޕޯސްޓް ސާވިސްގެ ހުއްދައިގެ ލިސްޓްގައި އެމެރިކާގެ މަޝްހޫރި ގިނަ ބަޔަކު ހިމެނިފައިވެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން އާއި ލަވަކިޔުންތެރިޔާ ޖޭމްސް ބްރައުން، ރޮކް މިއުޒިކްގައި މަޝްހޫރުކަން ހޯދި ޖިމީ ހެންޑްރިކްސް، ޓީވީ ޕްރެޒެންޓަރު ޖޯނީ ކާސަން، ބާސްކެޓްބޯޅަ ކުޅުންތެރިޔާ ވިލްޓް ޗެމްބަލެން އަދި އަކްޓަރު ޗާލްޓަން ހެސްޓަން ފަދަ މަޝްހޫރު ޝަހްސިއްޔަތުން ހިމެނެ އެވެ.
އެމެރިކާގެ ޕޯސްޓަލް ސާވިސް ސިޓިޒަން ސްޓޭމްޕް އެޑްވައިޒަރީ ކޮމިޓީން ފާސްކުރި ނަންތަކުގެ ސްޓޭމްޕް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އެމެރިކާ ޕޯސްޓުން ބުނެ އެވެ. ނަމަވެސް އެމެރިކާ ޕޯސްޓްގެ ސްޕޯކްސްމަން ރޯއީ ބެޓްސް ސީއެންއެން އަށް ދިން އިންޓަވިއެއްގައި ބުނެފައި ވަނީ ޖެނުއަރީ ހަތެއްގައި ނެރުނު ލިސްޓަށް ބަދަލުތަކެއް އަތުވެދާނެ ކަމަށެވެ.
"ޕޯސްޓަލް ސާވިސް އިން މިހާރު ކުރަމުންދާ މަސައްކަތަކީ ގިނަ ދުވަސްތަކެއް ވަންދެން، އެމެރިކާއަށް މުހިންމު ހިދުމަތްތަކެއް ގެނެސްދިން މީހުންގެ ސްޓޭމްޕްތައް ތައްޔާރުކުރުން. ކުރިން ނެރުނު ލިސްޓަސް ބަދަލުތަކެއް އަތުވެދާނެ." ބެޓްސް ބުންޏެވެ. "މިކަމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުރޭ."
އެމެރިކާގެ ސްޓޭމްޕްތަކުގައި ކޮމްޕިއުޓަރު ދުނިޔެ ސިއްސުވާލި ޖޮބްސް ހިމެނިއްޖެނަމަ، އޭނާ ވެގެންދާނީ އެމެރިކާގެ ސްޓޭމްޕެއްގައި ކޮމްޕިއުޓަރު އިންޑަސްޓްރީގެ ޝަހްސިއްޔަތެއް ހިމެނުނު ފުރަތަމަ މީހާއަށެވެ. "ސްޓީވް ޖޮބްސް ވަނީ އެމެރިކާ އަށް ވަރަށް މުހިންމު ހިދުމަތްތަކެއް ކޮށްދީފަ." ބެޓްސް ބުންޏެވެ.
އާންމުކޮށް ސްޓޭމްތަކުގައި ހިމެނިގެންދަނީ މަރުވެފައި ތިބި ޝަހްސިއްޔަތުންނެވެ. ނަމަވެސް އެމެރިކާގެ ސްޓޭމްޕްތަކުން ދިރިހުރި ޝަހްސިއްޔަތުން ހިމެނިދާނެ ކަމުގައި އެމެރިކާ ޕޯސްޓުން 2011 ވަނަ އަހަރު އިޢުލާންކޮށްފައިވެ އެވެ.