އެމެރިކާއިން އުތުރުކޮރެޔާއަށް އިންޒާރެއްދީފި އެވެ. ކުރިން ރޭވިފައިނުވާ ދަތުރެއްގައި ކުއްލިގޮތަކަށް ޕިޔޮންގޔަންގަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ މަންދޫބު ބިލް ރިޗަރޑްސަން ވިދާޅުވީ އަސްލުވަޒަން ބޭނުންކޮށްގެން އެމެރިކާއާއިގުޅިގެން ދެކުނުކޮރެޔާ ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތައް ހުއްޓުވަން އުތުރުކޮރެޔާއިން އެއްވެސް ހަރަކާތެއް ހިންގައިގެން ނުވާނެކަމަށާއި މިކަން އުތުރުކޮރެޔާގެ މަސްއޫލުވެރިންނަށް އަންގާފައިވާނެ ކަމުގަ އެވެ. އަދި ދެކުނު ކޮރެޔާއާއެކު އޮންނަ ދެކޮޅުވެރިކަން ފިނިކުރެވޭނެ ގޮތެއް ހޯދަން އުތުރު ކޮރެޔާއަށްޖެހިފައިވާ ކަމަށްވެސް އެމެރިކާގެ މަންދޫބު ވިދާޅުވި އެވެ. އެމެރިކާގެ މަންދޫބު މިހެންވިދާޅުވިނަމަވެސް އުތުރުކޮރެޔާއިންވަނީ ޢަސްކަރީ ތަމްރީންތަކުގެ މައްސަލާގައި ދެކުނު ކޮރެޔާއަށް ވަރުގަދަ އިންޒާރެއްދީފަ އެވެ. އުތުރުކޮރެޔާގެ ސަރަހައްދީ އިމުކައިރީގައި އެމެރކާ ސިފައިންނާ ގުޅިގެން ހިންގާ މިއަސްކަރީ ފަރިތަކުރުންތަކަކީ ޖެއްސުމުގެ ޢަމަލެއް ކަމަށާއި މިކަމާ ދެކޮޅަށް ފިޔަވަޅުއަޅާނެކަމަށް އުތުރުކޮރެޔާވަނީ ބުނެފަ އެވެ. ރަޝިޔާއިންވެސް އިއްޔެވަނީ މިއަސްކަރީ ހަރަކާތް ކުރިޔަށްގެންގޮސްގެން އުތުރުކޮރެޔާ ރުޅިއަރުވަން މަސައްކަތް ނުކުރުމަށް ދެކުނުކޮރެޔާއަށް ނަސޭހަތްތެރިވެފަ އެވެ. މިމައްސަލާގައި މޮސްކޯގައި ހުންނަވާ އެމެރިކާއާއި ދެކުނުކޮރެޔާގެ ސަފީރުން ރަޝިޔާގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް ރަޝިޔާމިކަމުގައި ހިތްހަމަނުޖެހޭކަން ފާޅުކޮށްފައިވާނެކަމަށް ރަޝިޔާގެ ޚާރިޖިއްޔާއިން ބުނެ އެވެ.