22 Feb 2014, 13:42
ރާއްޖެ އަށް ތެޔޮ އެތެރެކުރާ ސަރުކާރުގެ ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ( އެސްޓީއޯ) އަށް ދަރަންޏަށް ތެޔޮ ދޫކުރަން އިންޑިއާގެ މެންގަލޯރް ރިފައިނަރީ އެންޑް ޕެޓްރޯކެމިކަލްސް ލިމިޓެޑް (އެމްއާރްޕީއެލް) އެއްބަސް ނުވާކަމަށް އެގައުމުގެ ނޫހަކުން ބުނެފި އެވެ.
އިންޑިއާގެ ދަ އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ އެމްއާރްޕީއެލް އިން މިދިޔަ ޖެނުއަރީ މަހު އެކަން އިންޑިއާ ސަރުކާރަށް އަންގާފައިވާ ކަމަށެވެ. އަދި ބުނީ ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން އޯޕެން ކްރެޑިޓް ސްކީމެއްގެ ދަށުން ތެޔޮ ވިއްކުމަށް އެސްޓީއޯ އިން އެދިފައިވާ އެދުމަށް އިޖާބަ ދެވެން ނެތްކަން އެމްއާރްޕީއެލްގެ މެނޭޖިން ޑައިރެކްޓަރު ޕީޕީ އުޕަދަޔާ އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.
"... ދިވެހި ރާއްޖޭގެ މާލީ ހާލަތު އޮތްގޮތް އެނގޭ އިރު އަހަރެމެންނަކަށް އޯޕެން ކްރެޑިޓް ގަބޫލެއް ނުކުރެވޭނެ،" އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީ އަށް އުޕަދަޔާ ފޮނުއްވި ސިޓީގައިވާ ކަމަށް ނޫހުގައިވެ އެވެ.
އެ ނޫހުން ބުނީ އެމްއާރްޕީއެލްގެ އެނިންމުމުގެ ފަހުން ރާއްޖޭގެ މާލީ ހާލަތު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް އެކްސްޓާނަލް މިނިސްޓްރީން ވެސް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ހަމްދަރުދީ ވުމުގެ ގޮތުން ރާއްޖޭގެ ހުށައެޅުން ގަބޫލުކުރުމަށް މިނިސްޓްރީން އެދުނު ކަމަށް ވެސް ބުންޏެވެ.
"... ހަމްދަރުދީ ވުމުގެ ގޮތުން ރާއްޖޭގެ ހުށައެޅުން ގަބޫލުކުރުމަށް (އެކްސްޓާނަލް މިނިސްޓްރީން) އެދުނެވެ. އެއީ ދިވެހިރާއްޖެ އަށް 25 މިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދިނުމަށް އިންޑިއާ އިން (ސަރުކާރުން) އެއްބަސްވެފައި ވާތީ އެވެ،" ނޫހުގައިވެ އެވެ.
ނަމަވެސް އޭގެ ފަހުން އެސްޓީއޯއިން އެދުނީ ހަމަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ގޮތަށް 300 މިލިޔަން ޑޮލަރުގެ އޯޕެން ކްރެޑިޓް ހަމަޖައްސައިދިނުމަށް ކަމަށް އެމްއާރްޕީއެލްއާ ހަވާލާދީ ނޫހުގައި ވެއެވެ. ނަމަވެސް އެގޮތަށް އެކަން ކޮށްދެވެން ނެތްކަން އެމްއާރްޕީއެލް އިން މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ އެކަން އެގޮތަށް ކޮށްދެވެން ނެތީ އެކުންފުނީގެ މާލީ ހާލަތު ރަނގަޅުނޫންވީމާ ކަމަށް ވެސް އެނޫހުން ބުންޏެވެ.
ނަމަވެސް އިއްޔެ ރާއްޖޭން ފުރާވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ޚޫރުޝީދު ދިވެހި ސަރުކާރާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ދެގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ އެމްއާރްޕީއެލް އިން ރާއްޖެ އަށް ތެޔޮވިއްކަން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެބަޔާނުގައި ވެސް ވަނީ އެކުންފުނިން އެއްބަސްވެފައި ވަނީ ދެފަރާތަށް އެއްބަސްވެވޭ އުސޫލުތަކަކާއި އެއްބަސްވުންތަކެއްގެ ދަށުން ތެޔޮވިއްކަން ކަމަށެވެ.
ނަމަވެސް އޭގެ ކުރިން އޮތް ރަސްމިއްޔާތެއްގައި ޚޫރުޝީދު ވިދާޅުވެފައި ވަނީ އިންޑިއާ އިން އެކަން ކޮށްދިނުމަށް ވިސްނަމުން އަންނަ ކަމަށެވެ.
"... ދިވެހިން އިންޑިއާ އަށް ދަތުރުކުރުން، ހާއްސަކޮށް ބޭސް ފަރުވާއަށާއި ޓޫރިޒަމްގެ ބޭނުންތަކަށް އަޅުގަނޑުމެން ވަނީ ވިސާ ފްރީ ރެޖީމެއް ތައާރަފްކޮށްފައި. ހިލަޔާއި ހިލަވެލި އެކްސްޕޯޓްކުރުމުގެ މައްސަލައަށް ވެސް ވަނީ އެޑްރެސްކޮށްފައި. ޕެޓްރޯލިއަމްގެ އުފެއްދުންތައް [ތެލުގެ ބާވަތްތައް] އެކްސްޕޯޓް ކުރުމާ މެދު ދަނީ ވިސްނަމުން." ގުޅިފައިވާ ބަޔާނުގެ ކުރިން، އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ފެކަލްޓީ ދިވެހިސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚޫރުޝީދު ވިދާޅުވި އެވެ.