ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ރަށްތަކަށް އަންނަ މާޗް މަހުގެ ތެރޭ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ވެލިދޫ ދާއިރާގެ މެންބަރުންގެ ކެމްޕޭން ލޯންޗްކުރުމަށް ވެލިދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންޖީނު މަދުވެފައި ނުވަތަ ހަލާކުވެފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ 80 އިންޖީނު ހޯދުމަށް އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ މާޗް މަހު އެ އިންޖީނުތަކުގެ ކަންތައް ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިންޖީނު ހަލާކުވެފައި ނުވަތަ މަދު ހުރިހާ ރަށްތަކަށް ބޭނުންވާ 80 އިންޖީނު ހޯދުމަށް މިހާރު އަޅުގަނޑުމެން ވާނީ އިއުލާންކޮށްފައި. އިރާދަކުރެއްވިއްޔާ މާޗް މަހު އެކަން ހަމަޖެހިގެންދާނެ. ހަމަޖެހުނީމާ އެ ރަށްރަށަށް ކަރަންޓުގެ މައްސަލަ ހައްލުވެގެން ދާނެ." ރައީސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ ވެލިދުއަކީ ވެސް ކަރަންޓްގެ މައްސަލަ ދިމާވެފައިވާ ރަށަކަށް ވުމުން މާޗް މަހުގައި ވެލިދުއަށް ވެސް 350 ކިލޯވޯޓްގެ ޖަނަރޭޓަރެއް ހަމަޖެހިގެން ދާނެ ކަމަށާއި އެ ރަށުގެ ނަރުދަމާގެ މަސައްކަތް ވެސް މާޗް މަހުގައި ފެށިގެން ދާނެ ކަމަށެވެ.