22 Feb 2014, 13:22
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާތިލުކުރުމަށް އެ ދާއިރާގެ މިހާރުގެ މެންބަރު އަލްހާން ފަހުމީގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގެން ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ހައިކޯޓަށް އަލްހާންގެ ފަރާތުން ހުށަހެޅުއްވި ނޫރުބާން ފަހުމީ ވިދާޅުވީ އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލީ ޕާޓީގެ އެތެރޭގެ މައްސަލައެއް ހައިކޯޓުން ނުބެލޭނެތީ އާއި އެ ކޯޓުން ބަލާނީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބުތަކާ ބެހޭ މައްސަލަތައް ކަމުގައި ހައި ކޯޓުގެ ރަޖިސްޓްރާ ވިދާޅުވެފައިވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ މާދަމާ ސިވިލް ކޯޓަށް ހުށަހެޅުއްވާނެ ކަމަށެވެ.
"ހައިކޯޓުން ބުނީ އިންތިހާބީ މައްސަލައެއް ކަމަށް އެކޯޓުން ބަލާނީ ހަމައެކަނި އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބްތަކުގެ މައްސަލަތައް ކަމަށް. އެހެންވެ އޭގެ ކުރިން ދަށު ކޯޓަށް އެ މައްސަލަ ހުށަހެޅުމަށް ރަޖިސްޓްރާ ވިދާޅުވެފައި ވާތީ އެ މައްސަލަ މާދަމާ އަޅުގަނޑުމެން ސިވިލް ކޯޓަށް ވައްދާނަން،" ނޫރުބާން ވިދާޅުވި އެވެ.
އަލްހާން ފަހުމީގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ފެދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ގެންގޮސްފައި ވަނީ އުސޫލާ ހިލާފު ބާތިލު ވޯޓާސް ލިސްޓެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ އެވެ. އަދި އެ ދާއިރާގެ ޕްރައިމަރީ ބާތިލުކޮށް، އެ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓު ސ. ފޭދޫ، ސިވިލްޒޭޝަން ހައުސް، މުހައްމަދު ނިހާދު ކެންޑިޑެސީ ބާތިލު ކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ. މީގެ އިތުރުން ނިހާދުގެ ކެންޑިޑެސީ ވަގުތީ ގޮތުން ހިފެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި މާލޭގައި ބެހެއްޓި ފޮއްޓާއި ފޭދޫ ފޮށިން ކުރި ހޯއްދެވީ ނިހާދެވެ. އަލްހާނާ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައި ނިހާދު ވަނީ 361 ވޯޓް ހޯއްދަވާފަ އެވެ. އަލްހާނަށް ލިބިވަޑައިގެންނެވީ 154 ވޯޓެވެ.